ހޯމަ ދުވަހުގެ ރޭ ނިޔާވި އިންޑިއާގެ ސިޔާސީ ލީޑަރެއް ކަމަށްވާ ޖޭ ޖަޔާލަލީތާގެ ހަނދާނުގައި އޭނާއަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން، ހިތާމަ ފާޅުކުރަމުން ދިޔަ މީހުންތައް އެމީހުންގެ ބޯބާލައިފިއެވެ.
ދެކުނު ޓެމިލް ނާޑު ސްޓޭޓްގެ ޗީފް މިނިސްޓަރުގެ ޖަނާޒާގައި އަންގާރަ ދުވަހު އެތައް ހާސް މީހުންނެއް ބައިވެރިވިއެވެ.
ކުރީގެ އެކްޓްރެސްއެއް ކަމަށްވާ 68 އަހަރުގެ ޖަޔާލަލީތާ ފަސްދާނުލެވުނީ ޗެންނާއިގައި ހުންނަ މެރީނާ ބީޗުގައެވެ. އޭނާގެ މަރާއި ގުޅިގެން އިންޑިއާގައި ވަނީ ހިތާމަވެރިކަން ފެތުރިފައެވެ.
ބޯބޭލުމަކީ ހިންދޫން ވަރަށް ގާތް ތިމާގެ މީހެއް މަރުވުމުން ހިތާމަ ފާޅުކުރުމުގެ ގޮތުން ކޮށް އުޅޭ ކަމެކެވެ.
ޖަޔާލަލީތާގެ ސަޕޯޓަރުން ދަނީ އޭނާގެ މަހާނަ ވަށައިގެން ޕްލާސްޓިކް ގޮނޑިތަކުގައި އިށީންދެގެން ތިބެ ބޯބާލަމުންނެވެ.
އުމުރުން ދުވަސްވީ އެއް އަންހެނަކު ވަނީ ހަޅޭއްލަވައި، އޭނާގެ ބޮލުގައި އަތުން އެތައް ފަހަރަކު ޖަހައި އަދި މަހާނަ ވަށައިގެން ތިބި ފުލުހުންގެ ބެރިކޭޑްތަކުގައި އޭނާގެ ހަށިގަނޑު ތަޅާފައެވެ.
ބޯބޭލުމުގެ އާދައަކީ ހިންދޫ ކަލާނގެތަކުގެ ރުހުން ހޯދައި، ސަވާބު ހޯދުމުގެ ގޮތުން އެދީނުގެ މީހުން ކޮށް އުޅޭ ކަމެކެވެ.

