އައްޑޫގެ ސްކޫލްތައް ހިންގާ ސަރަހައްދުތަކުގައި ޓްރެފިކް ކޮންޓްރޯލް ކުރުމަށް ފުލުހުން ހާއްސަ ސަމާލު ކަމެއް ދޭން ފަަށައިފި އެވެ.
އައްޑޫގައި މިހާރު ކުރިއަށް ގެންދާ "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގެ ދަށުން ޓްރެފިކް ފުލުހުން ވަނީ އެކިއެކި ސްކޫލްތައް ކައިރީގައި ހަރަކާތްތެރިވާން ފަށައިފަ އެވެ.
އެގޮތުން ސްކޫލްތައް ހުޅުވޭ ގަޑި އާއި ނިމޭ ގަޑިތަކަށް ހާއްސަަ ސަމާލު ކަމެއް ދީގެން ފުލުހުން އަންނަނީ ސްކޫލްތައް ކައިރީގައި ޓްރެފިކް އޮޕަރޭޝަންތައް ހިންގަމުންނެވެ.
"އައްޑޫ ލައިވް" އާ ވާހަކަ ދެއްކި ބެލެނިވެރިއަކު މިއަދު ބުނީ ސްކޫލްތައް ކައިރީގައި ފުލުހުން ހަރަކާތްތެރިވާން ފެށުމަކީ ވަރަށް ރަނގަޅު ކަމެެއް ކަމަށެވެ. ހާއްސަކޮށް ޕްރައިމެރީ އާއި ނާސަރީ އަށް ކިޔަވައިދޭ ސްކޫލްތަކުގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވާން ފެށުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.
"ސްކޫލް ހުޅުވޭ ގަޑިތަކާއި ނިމޭ ގަޑިތަކަކީ ސްކޫލްތައް ކައިރީ ވަރަށް ބާރު ބޮޑުވާ ވަގުތުތަކެއް. އެގޮތުން ގިނަ އަދަދަކަށް ވެހިކަލްތައް އާންމުކޮށް ހަރަކާތްތެރިވޭ. ގިނަ ފަހަރަށް ކުދިން ސްކޫލަށް ދަނީ ވެސް އަދި އެނބުރި ދަނީ ވެސް ސައިކަލާއި އެ ނޫން ވެހިކަލްތަކުގައި ކަމަށްވާތީ ވަރަށް ބާރު ބޮޑުވެ، މަގުތައް އޮންނަނީ ހަލަބޮލިވެފައި،" އޭނާ ބުންޏެވެ. "އެހެންވެ ފުލުހުން ހަރަކާތްތެރިވާން ފެށުމުން ކުރިއަށް ވުރެ ބޮޑަށް މިކަމަށް ސަމާލުކަން ދެވޭނެ."
ސްކޫލްތަކުގެ ކައިރީގައި ޓްރެެފިކް އޮޕަރޭޝަން ކުރިއަށް ގެންދަން ފަށާފައިވާ އިރު، ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ކުށްތައް މަދު ކުރުމާ ގުޅޭ ގޮތުން ފުލުހުންނާއި އައްޑު ސިޓީ ކައުންސިލާއި ބައެއް ސްކޫލްތަކުގެ ވެރިން މިއަދު ވަނީ މަޝްވަރާ ވެސް ކޮށްފަ އެވެ.