ރައީސް ޔާމީންގެ ސަރުކާރުގެ އިސް މަގާމުތަކަށް ހަލުވި ބަދަލުތަކެއް އަންނަމުންދާއިރު އެބަދަލުތައް އަންނަން މެދުވެރިވާ ވަކި ސަބަބެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ގިނަ ވުޒާރާތަކެއް ހިންގަވަން ތިއްބެވި އިސް ބޭފުޅުންތަކެއްގެ މަގާމު ވަރަށް ހަލުވި ކަމާއެކު ގެއްލެމުންދާ ދަނޑިވަޅެއްގައި އޮންލައިން ނޫސް "މިހާރު" އިން ރައީސް އޮފީހުގެ ތަރުޖަމާނާއި ސުވާލު ކުރެއްވުމުން އެބޭފުޅާގެ ޖަވާބަކަށް ވެފައިވަނީ ސިޔާސީ މަގާމު ހުސްވަމުންދަނީ ރައީސުލް ޖުމުހޫރިއްޔާއަށް ގާނޫނުން ލިބިދީފައިވާ ބާރަކުން އެމަނިކުފާނަށް އެގޮތަށް ފެނިވަޑައިގަތުމުން ކަމަށެވެ.
ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުމާއި މަގާމުން ދުރުކުރުމަކީ ރައީސުލް ޖުމުހޫރިއްޔާއަށް ގާނުނުން ލިބިދީފައިވާ ބާރަކަށް ވުމުން އެމަނިކުފާނު އެގޮތަށް އަމަލު ކުރެއްވީ ކަމަށް މުއާޒް ވިދާޅުވިއެވެ. އަދި އެއީ ވަކި ހާއްސަ ސަބަބެއް، ނުވަތަ މައްސަލައެއް ސަރުކާރުގެ ތެރޭގައި އޮވެގެން ނޫން ކަމަށްވެސް އޭނާ ވަނީ އަލިއަޅުވާލާފައެވެ.
މިދިޔަ އަންގާރަ ދުވަހު ސަރުކާރުގެ އެކި ވަޒީފާ އަދާކުރަމުން ދިޔަ 5 ބޭފުޅަކު ވަނީ ވަކިކުރައްވާފައެވެ. މީގެ އިތުރުން ޔޫތު މިނިސްޓްރީގެ 4 ކޯޑިނޭޓަރެއްގެ މަގާމު ހުސްކޮށްފައިވާއިރު ހައުސިން މިނިސްޓްރީގެ ދެކޯޑިނޭޓަރަކުވެސް ރައީސް ވަނީ ވަކި ކުރައްވާފައެވެ.
ސިޔާސީ މަގާމުތަކުން ދުރުކުރެވުނު މީހުންނަކީ ޕްރައިވަޓައިޒޭޝަން ބޯޑަށް ރައީސް އައްޔަން ކުރެއްވި ބޯޑުގެ ނައިބު ރައީސް މުހައްމަދު ޔާސިރާއި ފިނޭންސްގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް މުހައްމަދު ޒުހައިރާއި، އަބްދުލް ޣަފޫރާއި، ހައުސިންގް ގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު އަލީގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް މުހައްމަދު ގުބާދް އަބޫބަކުރެވެ.