ޒެފިއާ ފުޓްސަލް ކަޕް 2016 ގެ ގްރޫޕް ބީގެ ފަހު މެޗުގައި އެފްސީ އުސްގަނޑަ އަދި އެފްސީ ބޭރުމަތި ބައްދަލުކުރި މެޗު 1-3 އިން އުސްގަނޑަ ކާމިޔާބުކޮށް ގްރޫޕް އެއްވަނައިގެ ގޮތުގައި ސެމީއަށް ދަތުރުކޮށްފިއެވެ.
މުބާރާތުގައި އުސްގަނޑަ ޓީމު މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގްރޫޕުގެ އެއްވަނަ ހޯދާފައިވާއިރު ގްރޫޕްގެ ރަނަރަޕަކަށް ދެ މެޗު ކާމިޔާބުކޮށް، މުބާރާތުގެ ސެމީއަށް ދަތުރުކުރި ދެވަނަ ޓީމަކަށް ވެފައިވަނީ އެފްސީ ސުއްޓާލައިނެވެ.
ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 0-1 އިން އުސްގަނޑަ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގައި އުސްގަނޑަ ޓީމުގެ ފަރާތުން އިތުރު ދެގޯލު ފެނިގެން ގޮސްފައިވާއިރު ބޭރުމަތި ޓީމަށް ޖެހިފައިވަނީ އެންމެ ގޯލެކެވެ.
ބޭރުމަތީގެ ހަމައެކަނި ގޯލު ޖަހާފައިވަނީ އެޓީމުގެ ޖާޒީ ނަމްބަރު 10، އަމީން އިބްރާހީމެވެ. އުސްގަނޑަ ޓީމުން ގޯލުތައް ކާމިޔާބުކޮށްފައިވަނީ އިބްރާހިމް ޝާނީޒާއި އަހްމަދު ތޮލާލެވެ. ތޮލާލް ވަނީ ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.
މިއަދުގެ ދެވަނަ މެޗުގައި އެފްސީ ޖޫނިއާސް އެފްސީ ސީރިއަސް ހަމަޖެހިފައި ވިނަމަވެސް އެފްސީ ޖޫނިއާސް ވަނީ މެޗަށް ހާޒިރު ނުވެފައެވެ. އެހެންކަމުން މުބާރާތުގެ ގަވާއިދާއި އެއްގޮތަށް 0-2 ގެ ނަތީޖާ އިން އެފްސީ ސީރިއަސް އަށް މެޗު ވަނީ ލިބިފައެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު އެފްސީ ސީރިއަސްއަށް ތިން މެޗުން 9 ޕޮއިންޓު ލިބި ގްރޫޕްގެ އެއްވަނަ ލިބިފައެވެ.