ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ދިގު މުއްދަތަކަށް ހިދުމަތްކޮށް ދީފައިބާ 31 މުވައްޒަފެއްގެ އަގު ވަޒަންކޮށް، ރޭ "ލޯންގް ސާވިސް އެވޯޑް" ދީފި އެވެ.
މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް ބޭއްވި ހަފުލާގައި ބީއެމްއެލަށް 15 އަހަރާއި، 20 އަހަރާއި، 25 އަހަރު އަދި 30 އަހަރު ވަންދެން ބޭންކަށް ޚިދުމަތް ކޮށްދީފައިވާ މުވައްޒަފުންނަށް އެވޯޑު ދިނެވެ.

އެވޯޑް ލިބުނު މުވައްޒުންގެ ތެރޭގައި އަތޮޅުތެރޭގެ ބްރާންޗްތަކުގެ މުވައްޒަފުން ވެސް ހިމެނެ އެވެ.
އެ ހަފުލާގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވަނީ، ދިގު މުއްދަތަށް ޚިދުމަތް ކޮށްދެއްވި ހުރިހަ މުވައްޒަފުންގެ ވަފާތެރިކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

ގައުމީ ބޭންކުން ބުނީ އެ ބޭންކުގައި ޚިދުމަތް ކުރާތާ 15، 20، 25 އަދި 30 އަހަރު ވެފައިވާ މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް "ލޯންގް ސާވިސް އެވޯޑްސް" ގެ ނަމުގައި ދޭ އެވޯޑް ކޮންމެ އަހަރަކު ވެސް ދޭނެ ކަމަށެވެ.