އިއްޔެ އެމްޑީޕީ އިން އިސްނަގައިގެން މާލޭގައި ބޭއްވި މުޒާހަރާ ތެރެއިން އެޕާޓީގެ ޗެޔާޕާސަންގެ ނައިބު އަލީ ނިޔާޒު 7 ދުވަހުގެ މުއްދަތަށް ކްރިމިނަލް ކޯޓުން ގޭބަންދަށް ދޫކޮށްލައިފިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ދެމަސް ދުވަހަށް ފަސް ކުރުމަށް ސިވިލް ކޯޓުން ކުރި އަމުރާއި ގުޅިގެން އެމްޑީޕީ އިން އެކަމާ ދެކޮޅަށް އިއްޔެ އެމްޑީޕީ ހަރުގެ ކުރިމަތީގައި ބޭއްވި މުޒާހަރާގައި ގިނަ ބަޔަކު ވަނީ ބައިވެރިވެ އަޑުއުފުލާފައެވެ.
މުޒާހަރާ ތެރެއިން ނިޔާޒް ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ރޭގެ ވަގުތެއްގައި ބަންދާ މެދު ގޮތެއް ކަނޑައަޅަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ކޯޓުން ވަނީ 7 ދުވަހުގެ މުއްދަތަށް ގޭބަންދުގައި ބެހެއްޓުމަށް ހުކުމް ކޮށްފައެވެ.
އަލީ ނިޔާޒް ގޭބަންދުގައި ބެހެއްޓުމަށް ކޯޓުން ކުރި ހުކުމުގެ ސަބަބުން ޕާޓީ ހިންގުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.
އެމްޑީޕީގެ ޗެޔާޕާސަން ކަމުން އަލީ ވަހީދު އިސްތިއުފާ ދެއްވި ފަހުން އެޕާޓީގެ ކަންތައް ހިންގަވަނީ އަލީ ނިޔާޒަށް ވެފައި އޭނާ ގޭގައި ބަންދުކުރުމުން ޕާޓީއަށް ނުހަނު ބޮޑު ހީނަރުކަމެއް ލިބޭނެ ކަމަށް އެޕާޓީއިން ބުނެފައިވެއެވެ.
އަދި ޕާޓީގެ މާލީ ކަންތައްތައްވެސް ބަލަހެއްޓެވުމުގެ މަސްއޫލިއްޔަތު އަދާކޮށް، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އިންތިޚާބަށް ލަފާދިނުމަށް ޕާޓީގެ ތެރެއިން ކަނޑައަޅުއްވާފައި ވަނީ ވެސް ނިޔާޒު ކަމަށްވާތީ އިންތިޚާބާ ގުޅުން ހުރި ކަންތައްތަކުގައިވެސް ޕާޓީއަށް އިތުރު ގޮންޖެހުންތަކެއް ލިބޭނެ ކަމަށް އެމްޑީޕީ އިން ބުނެފައިވެއެވެ.