ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ހަތަރު ވަނަ ކޮންގްރެސް އަންނަ މާޗް މަހުގެ ފަހުކޮޅު ބޭއްވުމަށް ނިންމައިފި އެވެ.
ޑީއާރުޕީގެ ތަރުޖަމާނު ޒީނާ ޒާހިރު މިއަދު ވިދާޅުވީ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި މާޗް މަހުގެ ފަހު ހަފްތާގައި ކޮންގްރެސް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް ކޮންގްރެސް ބާއްވާނެ ސީދާ ތާރީހެއް އެ ޕާޓީއަކުން ހާމައެއް ނުކުރެ އެވެ.
ޒީނާ ވިދާޅުވީ މި ފަހަރުގެ ކޮންގެރްސްގައި މައިގަނޑު ގޮތެއްގައި ކުރިއަށް ދާނީ ހުސްވެފައިވާ މަޤާމުތަކަށް ބޭފުޅުން އިންތިހާބު ކުރުން ކަމަށެވެ.
އެގޮތުން ކޮންގްރެސްގައި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު ކަމަށް ދެ ބޭފުޅަކު އިންތިހާބުކުރުމާއި، ޒުވާނުންގެ ގޮތްޕާއި، އަންހެނުންގެ ގޮފީގެ ހުސްވެފައިވާ މަޤާމުތަކަށް ބޭފުޅުން އިންތިހާބު ކުރުން އޮންނާނެ ކަމަށް ޒީނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޑީއާރުޕީގެ އަސާސީ ޤަވައިދަށް ހުށަހަޅާ އިސްލާހުތައް ކޮންގްރެސްގައި ފާސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޒީނާ ވިދާޅުވިއެވެ.
ޑީއާރުޕީގެ ކޮންގްރެސްގައި ޕާޓީގެ ނައިބު ލީޑަރުކަމަށް އިކޮނޮމިކް މިނިސްޓަރު އަޙްމަދު މުޙައްމަދު (އަންޑޭ) އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމާއި، ކެލާ ދާއިރާގެ މެންބަރު ޑރ.އަބްދުﷲ މައުޞޫމާއި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޢަލީ ޞާލިހް ވާދަކުރެއްވުމަށް ނިންމާފައިވާ ކަމަށް އެނގިފައިވެ އެވެ.
ޑީއާރުޕީގެ ކޮންގްރެސް މާޗް މަހު ބޭއްވުމަށް އެޕާޓީގެ ކައުންސިލުން ނިންމާފައި މި ވަނީ މިދިޔަ ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެއްސި ކޮންގްރެސް ކުއްލިގޮތަކަށް ފަސް ކުރުމަށް ފަހު އެވެ.