Last Updated: April 30, 21:06
Wednesday, April 30, 2025
ރިޕޯޓް

ސްވިޑެން އިން ކުނި ހުސްވެއްޖެ!

ސްވިޑެންއަކީ ކުނި އެއްލާނުލާ އެއިން ބޭނުން ހިފުމުގައި ދުނިޔޭގެ އެއްވަނަ ގައުމެވެ. އެގައުމުގައި ރީސައިކަލް ކުރުމުގެ މަސައްކަތް ކުރިއަރައިގެން ދިޔަގޮތަށް ގައުމުން ކުނި ހުސްވެ، ބޭރު ގައުމުތަކުން ކުނި އެތެރެކުރުމުގެ މަސައްކަތްވެސް ފަށައިފިއެވެ.

ރިސައިކަލް ޕްލާންޓުތައް ބަންދުނުކޮށް ކުރިއަށް ގެންދިއުމަށް ބޭރު ގައުމުތަކުން އެއްލާލާ ކުނި ގައުމަށް އެތެރެކޮށް ކުނިތައް ރީސައިކަލް ކުރަންވެސް ސްވިޑެން އިން ވަނީ ފަށާފައެވެ.

އެގައުމުގައި ގޭގެއިން އެއްލާލާ ކުނިތައް ލޭންޑްފިލްއަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގައި މުޅި ގައުމުގެ އާބާދީގެ %1 އަށްވުރެވެސް މަދުންނެވެ.

އަޅުގަނޑުމެންގެ މިކުޑަ ކުޑަ ދިވެހިރާއްޖޭގައިވެސް މިފަދަ ނިޒާމެއް ގާއިމު ކުރެވިއްޖެނަމަ ސްވިޑެންއަށް ވުރެ ފަސޭހައިން ކުނި ހުސްކޮށްލެވިދާނެއެވެ.

ސްވިޑެންގެ ރައްޔިތުންނަކީ ކުނި އެކިތަންތަނަށް އުކާލުމުގެ އާދަ އެއްކޮށް ދޫކޮށްލާފައިވާ ބައެކެވެ. ތިމާވެށި ހަލާކު ކުރުމަށް މަގުފަހިވެދާނެ އެންމެހާ ކަންތައްތަކުން އެމީހުން ވަނީ ދުރުވެފައެވެ.

ސްވިޑެންއަކީ ކާބަން އަދި ފޮސިލް އިން ޓެކްސް ނެގުމަށް އެންމެ ފުރަތަމައަށް ތާއީދުކޮށް ޓެކްސް ނެގުމަށް ފެށި ގައުމު ތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ގައުމުގެ ދެބައިކުޅަ އެއްބައި ކަރަންޓަކީ ތިމާވެއްޓާ ރައްޓެހި ވަސީލަތްތަކުން އުފައްދާ ކަރަންޓެވެ.

މީހުންގެ ވިސްނުން ތިމާވެއްޓާ ރައްޓެހި ކުރުމުން އެކަނި މިފަދަ ބޮޑު ކާމިޔާބީއެއް ހޯދުމަށް ނުފުދޭނެއެވެ. ސްވިޑެންގައި ކުނި ރީސައިކަލް ކުރުމަށް ބޮޑެތި މަޝްރޫއުތައް ފަށާފައިވެއެވެ.

އެގޮތުން އެގައުމުގެ ޕްރައިވެޓް ކުންފުނިތަކުން އެއްލާ ކުނި އަންދާލައިގެން ހޫނުން އުފައްދާ އެނާޖީ ގައުމުގެ ހީޓިންގ ނެޓްވޯކަށް ދާގޮތަށް ވަނީ ހަދާފައެވެ.

ރީސައިކަލް ކުރުމުގައި ކުރިއަރައިގެން ގޮސް ސްވިޑެން އިން ކުނި ހުސްވެ، އެހެން ގައުމުތަކުން ކުނި އެތެރެކުރި ނަމަވެސް އެއީ ވަގުތީ ކަމެއް ކަމަށް ކަމާ ބެހޭ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

އަދި އެގައުމުގެ އަމާޒަކީ އެހެން ގައުމުތަކުގައިވެސް މިފަދަ ނިޒާމުތައް ގާއިމު ކުރެވި ކުނިން ސަލާމަތްވެފައިވާ ދުނިޔެއަކަށް މިދުނިޔެ ހެދުމެވެ.