ޒެފިއާ ފުޓްސަލް ކަޕުގައި ގްރޫޕް އޭގައި އިއްޔެ އެފްސީ ސްކޫޕް ކަންމަތި އަދި އެފްސީ ސީރިއަސް ބައްދަލުކުރި މެޗު 1-2 އިން ސްކޫޕް ކާމިޔާބުކޮށް ސެމީއަށް ދަތުރުކޮށްފި އެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ދެޓީމުވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގައި ފެނިގެން ދިޔަ ދެގޯލުވެސް ފުރަތަމަ ހާފުގައި ޖަހާފައިވާއިރު ދެވަނަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ނަތީޖާ ބަދަލުކުރެވިފައެއް ނުވެއެވެ.
ސީރިއަސްގެ ހަމައެކަނި ގޯލު އިބްރާހިމް ޝާހިދު ޖަހާފައިވާއިރު ސްކޫޕުގެ ދެގޯލު ފެނިގެން ގޮސްފައިވަނީ އިބްރާހިމް އިންޝާލާއި އިސްމާއިލް އަޒީމްގެ ފަރާތުންނެވެ. އަޒީމްއަށް ވަނީ އޭނާ މެޗުގައި ދެއްކި މޮޅު ކުޅުމާއެކު މެޗުގެ މޭން އޮފް ދަ މެޗު ކަންވެސް ލިބިފައެވެ.
އިއްޔެ ކުޅުނު ދެވަނަ މެޗުގައި އެފްސީ ފަސްގަނޑަ ވަނީ 0-5 އިން ބޮނޑަފަންނަ ބަލިކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ފަސްގަނޑަ އެއް ގޯލު ޖަހައިގެންނެވެ.
މިމެޗުގައި ފަސްގަނޑައިން ޖެހި ފަސް ގޯލުގެ ތެރެއިން ތިން ގޯލު ޖަހާފައިވަނީ ޝަމްވީލް ގާސިމް(ބޮންޑާ)އެވެ. އަނީލް އިބްރާހިމްވެސް ވަނީ މިމެޗުގައި ދެގޯލު ޖަހާފައެވެ. އޭނާއަކީ 9 ގޯލާއެކު މުބާރާތުގެ އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާއެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ފަސްގަނޑަ ޓީމުގެ ޝަމްވީލް ގާސިމް އެވެ.

ގްރޫޕް އޭ އިން ސެމީއަށް ދަތުރުކޮށްފައިވާ ދެޓީމަކީ އެފްސީ ފަސްގަނޑަ އަދި އެފްސީ ސްކޫޕް ކަންމަތިއެވެ. އެފްސީ ސީރިއަސް، ތިން ޓީމަށްވެސް ކުޅުނު ހަތަރު މެޗުން ތިން މެޗު ކާމިޔާބުކޮށް 9 ޕޮއިންޓު ލިބިފައިވާއިރު އެފްސީ ސީރިއަސް ކަޓާފައިވަނީ ގޯލުގެ ތަފާތުންނެވެ.

ގްރޫޕް ބީ އިން އުސްގަނޑަ އަދި ސުއްޓާލައިން ސެމީގެ ޖާގަ ހޯދާފައިވާއިރު ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ސެމީއަށް ގޮސްފައިވަނީ އުސްގަނޑައެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރާނީ ގްރޫޕް އޭ ގެ އެއްވަނަ، އެފްސީ ފަސްގަނޑަ، ގްރޫޕް ބީ ގެ ދެވަނަ އެފްސީ ސުއްޓާލައިނާ ދެކޮޅަށެވެ. ސެމީގެ ދެވަނަ މެޗުގައި އުސްގަނޑަ ޓީމު ނިކުންނާނީ ސްކޫޕް ކަންމައްޗާއި ދެކޮޅަށެވެ. ސެމީ ފައިނަލުގެ މެޗުތައް ކުޅޭނީ މިމަހުގެ 12 އަދި 13 ވަނަ ދުވަހުގައެވެ.