Last Updated: July 1, 09:19
Wednesday, July 1, 2026
ޚަބަރު

ބިންހެލުމުގައި 43،000 މީހުން ގެދޮރު ނެތިފައި

އިންޑޮނޭޝިއާއަށް ބުދަ ދުވަހު އައި ބިންހެލުމުގެ ސަބަބުން ގެދޮރު ގެއްލިފައިތިބި މީހުންގެ އަދަދު މަދުވެގެން 43،000 އަށް އަރައިފި ކަމަށް އިމާޖެންސީ އޮފިޝަލުން ބުނެފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މިޗިގޭޝަން އޭޖެންސީއިން ބުނި ގޮތުގައި ރެސްކިއު ޓީމްތައް ބިންހެލުމުގެ އަސަރު ކޮށްފައިވާ ސަރަހައްދުތަކުގައި ފެތުރެން ފެށުމުން، މައްސަލައިގެ ބޮޑުމިން ސާފުވާން ފަށައިފި ކަމަށެވެ.

މަދުވެގެން 100 މީހުން މިބިންހެލުމުގައި މަރުވެފައި ވާއިރު، އިތުރު އެތައް މީހުންނަކަށް ވަނީ އަނިޔާވެފައެވެ. މިބިންހެލުން އައީ 6.5 މެގްނިޓިއުޑްގެ ބާރުމިނުގައި އިންޑޮނޭޝިއާގެ އަޗޭ ޕްރޮވިންސަށެވެ.

ހުކުރު ދުވަހު ލަފާކުރެވުނު ގޮތުގައި ގެދޮރު ގެއްލުނު މީހުންގެ އަދަދަކީ 23،000 އެވެ.

ރައީސް ކޯކޯ ވިޑޯޑޯ ވަނީ ބިންހެލުމުގައި ސަލާމަތްވި މީހުންނަށް ހޮސްޕިޓަލުތަކުގައި ޒިޔާރަތްކޮށް، ހުރިހާ ރަށްވެހިން އަލުން އާބާދު ކުރާނެ ކަމަށް ވަޢުދުވެ ވަޑައިގެންފައެވެ.

އޭޖެންސީއިން ބުނާގޮތުގައި އިންސާނީ ލާބައަށްޓަކައި މަސައްކަތް ކުރާ ގްރޫޕްތަކުން ދަނީ ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޕިޑީ ޖެޔާގައި ހުރި ބޭސްއަކުން އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

"މީހުން ހުސްކުރުމުގައި ރެފިއުޖީންގެ ޒަރޫރީ ބޭނުންތައް ފުއްދައިދޭން ޖެހޭނެ"، އޭޖެންސީއިން ބުނެފައި ވެއެވެ.

ޕިޑީ ޖެޔާގައިއާއި އަވަށްޓެރި ބިރެއުއެންގައި ގާތްގަނޑަކަށް 245 ބިލްޑިންގް ހަލާކުވެފައި ވެއެވެ. އެބިލްޑިންގް ތަކުތެރޭގައި ގެދޮރާއި، ފިހާރަތަކާއި މިސްކިތްތައް ހިމެނެއެވެ.

އެބާރުގަދަ ބިންހެލުމުގެ ސަބަބުން މަގުތައްވެސް ހަލާކުވެ، ކަރަންޓު ސަޕްލައިތަކަށްވެސް ބުރުއަރާފައި ވެއެވެ.

ސްނިފާ ޑޯގް (ފާރަގެމަ) ބޭނުންކޮށްގެން ހޮނިހިރު ދުވަހުވެސް މިއުރޫޑައި ބިންހެލުމުން ސަލާމަތްވި މީހުންގެ ތެރެއިން ގެއްލިފައި މީހުން ހުރިތޯ ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެރަށުގައި ފިހާރަތަކާއި ގެދޮރުން ފުރިގެންވި ބާޒާރެއްގެ ބޮޑުބައިވެސް ވަނީ ބިންހެލުމުގައި ހަލާކުވެގެން ގޮސްފައެވެ.