Last Updated: July 1, 09:19
Wednesday, July 1, 2026
ޚަބަރު

އިންޑިއާ އެއާ ފޯސްގެ ކުރީގެ ޗީފް ހައްޔަރުކޮށްފި

އެންގްލޯ-އިޓާލިއަން ކުންފުންޏެއް ކަމަށްވާ އޮގަސްޓާ ވެސްޓްލޭންޑާ އެކު ކުރެވުނު ލަގްޒަރީ ހެލިކޮޕްޓަރު ޑީލެއްގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގިކަމުގެ ތުހުމަތުގައި ކުރީގެ އެއާފޯސް ޗީފް ކަމަށްވާ އެސްޕީ ތިޔާގީ އިންޑިއާގެ ފުލުހުން ހައްޔަރު ކޮށްފިއެވެ.

ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) ބުނޮ ގޮތުގައި ތިޔާގީ ވަނީ އެކުންފުންޏަށް "ނާޖާއިޒް ފައިދާތައް" ކޮށްދީފައި ކަމަށާއި އަދި އެހެން ފަރާތްތަކަށް ރިޝްވަތު ދިނުމަށް ފައިސާގެ މަގު ތަނަވަސް ކޮށްދީފައި ކަމަށެވެ.

އިންޑިއާގެ އަމުރުވެރި ފަރާތްތަކުން ވަނީ އެފާމްއާއި އަދި ބައްޕަ ކުންފުނި ކަމަށްވާ ފިންމެކޭނިއާއާއި ދެކޮޅަށް 2013 ވަނަ އަހަރުގެ މާޗު މަހު ކްރިމިނަލް ކޭސްއެއް ހުށައަޅާފައެވެ.

ތިޔާގީވަނީ މީގެ ކުރިން އެހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފައެވެ.

ތިޔާގީއާއި ދެބެންގެ ދެދަރި ކަމަށްވާ ޖޫލީ ތިޔާގީއާއި ޑޮކްސާ ތިޔާގީވެސް ވަނީ ރިޝްވަތު ނެގިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ކަމަށް ސީބީއައި އިން މަޢުލޫމާތު ދެއެވެ.

މިމައްސަލަ ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައިވަނީ 2013 ވަނަ އަހަރު މިލާންގައި ފިންމެކޭނިކާގެ ޗީފް ކަމަށްވާ ޖިއުސެއްޕޭ އޯރްސީ ހައްޔަރު ކުރެވުމާއި ގުޅިގެންނެވެ.

އިޓަލީގެ އަމުރުވެރި ފަރާތްތަކުން ވަނީ އިޓަލީގެ ކޯޓަށް ހުށައެޅުނު ޕްލިމިނަރީ އިންކުއަރީއަކަށްވެސް ތިޔާގީގެ ނަން ހުށައަޅާފައެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓްރީއިން، އެމިނިސްޓްރީގެ އަމިއްލަ ތަހުޤީގެއް އެމައްސަލައާއި ބެހޭގޮތުން ކުރާނެ ކަމަށް ބުނެ، 12 ހެލިކޮޕްޓަރުގެ 753 މިލިއަން ޑޮލަރުގެ ޑީލް ކެންސަލް ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ.

އެލަގްޒަރީ ހެލިކޮޕްޓަރުތަކަކީ އިންޑިއާގެ ރައީސް، ބޮޑު ވަޒީރު އަދި އެހެނިހެން ވީއައިޕީ ފަރާތްތައް ދަތުރުފަތުރުކޮށް އުޅުމަށްޓަކައި ގެންނަން އުޅުނު ހެލިކޮޕްޓަރު ތަކެކެވެ.