ލިކުއިޑް ޕެޓްރޯލިއަމް ގޭސް (ކެއްކުމަށް ބޭނުންކުރާ ގޭސް) އާއިއެކު ދަތުރު ކުރަމުންދިޔަ ރޭލެއް، ރޭލު ދަނގަޑުން ކައްސާލުމަށްފަހު ގޮވައިފިއެވެ. ބަލްގޭރިއާގައި ހިނގި މިހާދިސާގައި މަދުވެގެން ފަސް މީހުން މަރުވެފައި ވެއެވެ.
އިތުރު 20 މީހަކަށް އެނދުމުގެ ސަބަބުންނާއި އެހެނިހެން އަނިޔާތައް ލިބުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާކަމަށް މަޢުލޫމާތު ލިބެއެވެ.
ކަމާއިބެހޭ ފަރާތްތަކުން ވަނީ މީހުން ހުސްކުރުމަށް އަމުރުކޮށްފައެވެ. އަދި ފަޔާފައިޓަރުން ވަނީ ހާދިސާ ހިނގި ތަނުގައި އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.
މިހާދިސާގައި މަދުވެގެން 20 އިމާރާތަކަށް ގެއްލުން ވެފައިވާއިރު، ރިޕޯޓްތައް ބުނާގޮތުން މިހާދިސާ ހިނގާފައިވަނީ ރޭލު ސްޓޭޝަން ކައިރިން، ބަލްގޭރިއާގެ ގަޑިން 05:30 ގައެވެ.
ބަލްގޭރިއާގެ ބޮޑު ވަޒީރު ބޮއިކޯ ބޮރިސޯވް ވަނީ އެހާދިސާ ހިނގުމަށްފަހު، އެރަށަށް ވަޑައިގެންފައެވެ. ރިޕޯޓަރުންނާއި މުޚާތަބު ކުރައްވަމުން ބޮޑު ވަޒީރު ދެންނެވީ އަނިޔާވި މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ.
އެތައް މީހުންގެ ހަށިގަނޑުތައް ވަނީ 90 އިންސައްތައަށްވުރެ ބޮޑަށް އަނދާފައި ކަމަށާއި، އަދި އެސަރަހައްދުގައި ދިރިއުޅެމުންދާ އާންމު ރައްޔިތުންގެ ކިބައިން، ހޮސްޕިޓަލުގެ ސަޕްލައި އިތުރު ކުރުމަށްޓަކައި ލޭ ހަދިޔާ ކުރުމަށްވެސް އެދިވަޑައިގެންފައި ވެއެވެ.
ހިޓްރީނޯއަކީ ގާތްގަނޑަކަށް 800 މީހުންގެ އާބާދީގެ މައްޗަށް އެކުލެވިގެންވާ، ބްލެކް ސީއާއި 60 މޭލު ދުރުން ބަލްގޭރިއާގެ އިރުއުތުރުގެ ޝޫމެން ޕްރޮވިންސްގައި އޮންނަ ރަށެކެވެ.
ބަލްގޭރިއާގެ ޓްރާންސްޕޯޓް މިނިސްޓަރު އިވަލްޔޯ މޮސްކޯސްކީ އާއި އެހެނިހެން ރޭލު އޮފިޝަލުން ދަނީ ހާދިސާ ހިނގި ތަނަށް ވަޑައިގަންނަވަމުންނެވެ.
