Last Updated: July 1, 09:19
Wednesday, July 1, 2026
ޚަބަރު

70 އަހަރުގެ މަންމަ އަށް ދަރިފުޅު އަނިޔާކޮށްފި

ފޮޓޯ: ކުންޑަން ސްރީވާސްތަވާ / ފޭސްބުކް

ފިރިހެން ދަރިއަކު، އުމުރުން 70 އަހަރުގެ އޭނާގެ މަންމަ ވަރަށް އިހާނެތިކޮށް ތަޅާ މަންޒަރު ދައްކާ ވީޑިއޯތަކަކާއި ފޮޓޯތަކެއް މިހަފްތާގެ ކުރީކޮޅު އިންސާނީ ހައްޤުތަކާއިބެހޭ އެކްޓިވިސްޓަކު ވަނީ ފޭސްބުކްގައި ޕަބްލިޝް ކޮށްފައެވެ.

އެއަންހެން މީހާއަކީ ދިއްލީގެ ޝަހްދަރާއަށް ނިސްބަތްވާ މީހެކެވެ.

އޭނާގެ ފިރިހެން ދަރިފުޅު ނަންދް ކިޝޯރް ވަނީ ހުކުރު ދުވަހު ތިހާރް ޖަލަށް ފޮނުވާފައެވެ.

ނޮވެމްބަރު 24 ވަނަ ދުވަހު، ކިޝޯރްވަނީ ވަރަށް އިހާނެތިކޮށް އޭނާގެ މަންމަ ރާޖިންދަރީ ދޭވީ ތަޅާފައެވެ. އޭނާ އޭނާގެ މަންމަ ތަޅާފައިވަނީ އޭނާ މެރުމުގެ ނިޔަތުގައި ނަމަވެސް، ކޮންމެވެސް ގޮތަކުން އެއަންހެން މީހާ ސަލާމަތް ވީކަމަށް އެކްޓިވިސްޓް ކުންޑަން ސްރީވަތުސަވާ ބުދަ ދުވަހު ފޭސްބުކްގައި ލިޔުނެވެ.

ސްރީވަތުސަވާ އިތުރަށް ލިޔެފައިވާ ގޮތުން އުމުރުން 25 އަހަރުގެ ކިޝޯރްއަކީ އޭނާގެ މަންމައަށް ކުލީގެ ގޮތުގައި ލިބޭ ފައިސާ ކޮންމެ މަހަކު އަތުލުމުގެ އިތުރުން، ކޮންމެ ދުވަހަކުވެސް އޭނާގެ މަންމައަށް ގޯނާކޮށް ތަޅާ އުޅުނު މީހެކެވެ.

އެންމެ ފުރަތަމަ ކުރެވުނު ޕޯސްޓްގައި ސްރީވަތުސަވާ ލިޔެފައިވާ ގޮތުން، ކިޝޯރް ކުރަމުން ދިޔަ ޕްރެޝަރުގެ ސަބަބުން އަނިޔާ ލިބުނު އަންހެން މީހާ ފުލުހުންނަށް ހުށައެޅި މައްސަލަ ވަނީ އަނބުރާ ގެންގޮސްފައެވެ. އެހެންނަމަވެސް، ސްރީވަތުސަވާ އިއްޔެ ލިޔުނު ޕޯސްޓެއްގައި ވަނީ ކިޝޯރް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ތިހާރު ޖަލަށް ލާފައެވެ.

ފޭސްބުކްގައި ޝާއިރުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެއަންހެން މީހާ އޮންނަނީ ބިންމަތީގައެވެ. އަދި އޭނާގެ ދަރިފުޅު ކިޝޯރް ހުއްޓުވަން އުޅުނު ނަމަވެސް، އޭނާ ދިޔައީ މަންޒަރު ބަލަން ތިބި މީހުންގެ ސުވާލުތަކަށް ޖަވާބު ދެމުންނެވެ.

މަންޒަރު ބަލަން ހުރި މީހަކު ކިޝޯރް ގައިގައި ތަޅަން ފެށުމުން އޭނާ އެކަމާއި ދެކޮޅު ހަދާ އަޑު ވީޑިއޯތަކުން އިވެއެވެ.