Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

ހިތަދޫ އާ ހޮސްޕިޓަލަށް އަނެއްކާ ވެސް ކޮންސަލްޓެންޓަކު ހޯދަނީ

ހިތަދޫގައި މިހާރު ހިންގަމުން އަންނަ 50 އެނދުގެ ރީޖަނަލް ހޮސްޕިޓަލް. ފޮޓޯ/ އައްޑޫ ލައިވް

ސައުދީ ފަންޑް ފޮ ޑިވޮލަޕްމެންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވޮލަޕްމެންޓް (އޯޕިޑް) ގެ ލޯން އެހީގެ ދަށުން ސ. ހިތަދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ އާ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތުގެ ކޮންސަލްޓިން ސާވިސް ޑިޒައިން ޓެންޑަ އަދި ސްޕަވައިޒްކޮށް ދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

އޯފިޑުން ދޭން ހަމަޖައްސާފައިވާ އެހީގެ ދަށުން 8.4 މިލިއަން ރުފިޔާ (ގާތްގަނޑަކަށް 129.5 ރުފިޔާ) ގެ ލޯނު އެގްރީމަންޓުގައި ސޮއިކޮށްފައި ވަނީ އޮކްޓޯބަރު 16، 2012 ގަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ 129.5 މިލިއަން ރުފިޔާގެ އެ ލޯނަކީ 4.5 ޕަސެންޓް އިންޓަރެސްޓާ އެކު ފަސް އަހަރުގެ ގްރޭސް ޕީރިއަޑެއް ހިމެނޭ ގޮތަށް 20 އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ ލޯނެއް ކަމަށެވެ.

އޮފީސް އޮފް ޕްރޮގްރާމްސް އިން ބުނީ ދެވަނަ ފަހަރަށް އިއުލާން ކުރަން ޖެހުނީ ކުރިން މިކަމާ ގުޅިގެން ކޮށްފައިވާ އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ ކަމަށެވެ.

ހިތަދޫގައި އިމާރާތްކުރާ 100 އެދުގެ އާ ހޮސްޕިޓަލް ޒޯން ސްޓޭޑިމާއި ދިމާލުގައި އޮތް ބިމެއްގައި އިމާރާތް ކުރަން މީގެ އަހަރުތަކެއް ކުރިން ހަމަޖައްސާފައި އޮތް ނަމަވެސް 2009 ވަނަ އަހަރުގެ ތެރޭގައި ލޭންޑްޔޫޒް ޕްލޭނަށް ގެނައި ބަދަލުތަކަކާ ގުޅިގެން އެ ހޮސްޕިޓަލް އިމާރާތް ކުރާ ބިން ބަދަލުކޮށްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

އެހެންވެ ހޮސްޕިޓަލް އަޅާނެ ބިމަކާ މެދު ހެލްތު މިނިސްޓްރީ އާއި ސިޓީ ކައުންސިލާ ދެމެދު އަންނަނީ މަޝްވަރާ ކުރަމުންނެވެ. ސިޓީ ކައުންސިލުން ބުނީ ހޮސްޕިޓަލް އެޅުމަށް އެންމެ އެކަށީގެންވާ ބިމަކީ ކުރީގެ ޕޮލިސް ޓްރޭނިން ސްކޫލް ހުރި ބިން ކަމަށެވެ. މިކަމާ ބެހޭ ގޮތުން ދާދި ފަހުން ކައުންސިލާއި ފުލުހުންނާއި ހޯމް މިނިސްޓަރާ ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.