ތުރުކީގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އިސްތާންބުލްގެ ފުޓްބޯލް ސްޓޭޑިއަމްއެއްގައި ހިނގި ބޮމުގެ ދެހަމަލާއެއްގައި 29 މީހުން މަރުވެ، 166 މީހުންނަށް އަނިޔާވެއްޖެ ކަމަށް ތުރުކީގެ ސަރުކާރުން ބުނެފިއެވެ.
އޮފިޝަލުން ބުނާގޮތުގައި ޤަބޫލުކުރެވޭ ގޮތުގައި ބޮމުގެ ދެހަމަލާގެ ތެރެއިން އެއް ހަމަލާއަކީ ކާރު ބޮމުގެ ހަމަލާއެއް ކަމަށާއި އަނެއް ހަމަލާއަކީ ޖާނުން ފިދާވެގެން ދިން ހަމަލާއެއް ކަމަށެވެ. އަދި އެދެހަމަލާއަކީވެސް ފުލުހުންގެ އޮފިސަރުންނަށް އަމާޒްކޮށް ދިން ހަމަލާތަކެއް ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ހަމަލާތައް ދީފައިވަނީ ޓޮޕް ޑިވިޝަން ޓީމްތައް ކަމަށްވާ ބެސިކްޓާސްއާއި ބުރްސާޕޯރްގެ މެޗު ނިމުނުތާ ދެގަޑިއިރު ފަހުން، ބެސިކްޓާސްގެ ސްޓޭޑިއަމްގައެވެ.
މިހަމަލާތަކުގެ ޒިންމާ އެއްވެސް ގްރޫޕަކުން ނަގާފައި ނުވިނަމަވެސް، މިއަހަރު ތެރޭގައި އައިއެސްއާއި ކާޑިޝްގެ ހަނގުރާމަވެރިން ވަނީ ތުރުކީގައި ބޮމުގެ އެތައް ހަމަލާތަކެއް ދީފައި ކަމަށް ބީބީސީގެ ތުރުކީ ކޮރެސްޕޮންޑެންޓް، މާކް ލޯވެން ރިޕޯޓްކުރެއެވެ.
އޭނާ ބުނާގޮތުން ފުލުހުންނަށް އަމާޒްކޮށްގެން ދެވުނު މިހަމަލާ އެންމެ ބޮޑަށް ތުހުމަތު ކުރެވެނީ ކާޑިޝް ހަނގުރާމަވެރިން ދިން ހަމަލާއެއް ކަމަށެވެ. އެއީ މިހާތަނަށް އެމީހުން ދިން ގިނަ ހަމަލާތައް އަމާޒް ކޮށްފައިވަނީ ސަލާމަތީ ބާރުތަކަށްކަން ވާތީއެވެ.
ރައީސް ރިސިޕް ތައްޔިޕް އެރްޑޯގަން ވަނީ މީހުންނަށް އަނިޔާވެފައި ވާކަން ޔަޤީން ކޮށްދެއްވާފައެވެ. އެހެންނަމަވެސް، އިތުރު އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
"އަޅުގަނޑުމެންގެ ސަލާމަތީ ބާރުތަކާއި އަޅުގަނޑުމެންގެ ރައްޔިތުންނާއި ޚިލާފަށް ޓެރަރިސްޓް ހަމަލާއެއް ވަނީ ދެވިފައި"، ރައީސް ވިދާޅުވިއެވެ. ބެސިކްޓާސް-ބުރްސާސްޕޯރް ފުޓްބޯލް ގޭމަށްފަހު ދެވުނު ހަމަލާތަކަކީ އަނިޔާވި މީހުންގެ އަދަދު ވީހާވެސް ގިނަ ކުރުމަށް ދެވުނު ހަމަލާތަކެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ހަމަލާތައް ދީފައިވަނީ ވޯޑަފޯން އެރީނާގައި އޮތް މެޗު ނިމުނުތާ ދެގަޑިއިރު ފަހުންނެވެ.
ތުރުކީގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މެޗު ބަލަންދިޔަ މީހުން ވަނީ ބައިބައި ވެފައެވެ. ބުރްސާސްޕޯރްއިން ޓްވިޓާގައި ޕޯސްޓް ކޮށްފައިވާ ގޮތުން އަނިޔާ ލިބުނު އެއްވެސް ސަޕޯޓަރެއްގެ މަޢުލޫމާތު އެޓީމަށް ލިބިފައި ނުވެއެވެ.
އިންޓީރިއާ މިނިސްޓަރު ސުލެއިމާން ސޮއިލޫ ވިދާޅުވި ގޮތުގައި ފުރަތަމަ ހަމަލާއަކީ މެޗަށްފަހު، ބުރްސާސްޕޯރްގެ ސަޕޯޓަރުން ދަނޑުން ނިކުތް ގޭޓް ކައިރީގައި ތިބި ސަލާމަތީ ބާރުތަކަށް އަމާޒްކޮށް ދެވުނު ކާރު ބޮމުގެ ހަމަލާއެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.
އޭނާ ފަހުން ވިދާޅުވި ގޮތުގައި މެކާ ޕާކް ކައިރީގައި ދެވުނު ދެވަނަ ހަމަލާއަކީ ޖާނުން ފިދާވުމުގެ ހަމަލާއެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.
