Last Updated: June 26, 11:11
Friday, June 26, 2026
ރިޕޯޓް

އީސީސީ: ހޮސްޕިޓަލް ހަދަން ހަލާކުކޮށްލުމަކީ ގޯހެއް!

ރަނގަޅު ބޭސްފަރުވާގެ ނިޒާމެއް އައްޑޫގައި ގާއިމްކޮށްދިނުމަށް ރައްޔިތުން މައި ސަރުކާރުގައި އާދޭސް ކުރާތާ ބައި ގަރުނު ވަނީއެވެ. އިގިރޭސިން ގަމުން ފޭބި ދުވަހުން ފެށިގެން ރައްޔިތުން އެދެމުން ދަނީ އަމިއްލަ ވަޒަނުގައި ތިބެ، ރަނގަޅު ބޭސްފަރުވާ ލިބޭނެ ދުވަހަކަށެވެ.

30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި މައުމޫން އަބްދުލް ގައްޔޫމް، ހިތަދޫގައި ރިޖަނަލް ހޮސްޕިޓަލެއް އަޅުއްވައި ހިދްމަތް ދޭން ފެށިއިރުވެސް އައްޑޫ ރައްޔިތުންނަށް ފެންނަމުން ދިޔައީ ގަމުގައި އިނގިރޭސިން ދެމުން ދިޔަ ސިއްހީ ހިދްމަތެވެ. ބޮޑެތި އޮޕަރޭޝަންތައްކޮށް، އާއްމުންގެ އެތައް ބަޔަކުގެ ފުރާނަ ސަލާމަތްކޮށް ދެމުން ދިޔަ މަންޒަރެވެ. އެހެންވެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި އެކުވެސް ރައްޔިތުން ބޭނުންވީ އެފަދަ ހިދްމަތް ލިބޭނެ ހޮސްޕިޓަލެކެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އުމުރުން 32 އަހަރުވީއެވެ. އައްޑޫ ރައްޔިތުން އެދެމުން ދިޔަ ހިދްމަތެއް ފޯރުކޮށެއް ނުދެވެއެވެ. އެ ޝަކުވާ ރައްޔިތުން ކުރަން ފެށުމުން މައުމޫންގެ ސަރުކާރުން އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅާނެ ކަމުގެ ވައުދުވިއެވެ. އެވައުދަށް 14 އަހަރުވެގެންދާއިރު ރާއްޖޭގައި 3 ރައީސުން ރައީސްކަންކޮށް، މިހާރު ވެރިކަމުގައި ހުންނެވީ 4 ވަނަ ރައީސެވެ.

ކޮންމެ ވެރިކަމަކާއި އެކުވެސް ހޮސްޕިޓަލްގެ ވާހަކަ އަޑު ހަރުކޮށް އިވެއެވެ. ހޮސްޕިޓަލް އެޅުމަށް ބޭރުންގެ ފަރާތްތަކުން ފައިސާލިބިފައިވާ ކަމަށް ބުނާތާވެސް މިހާރު 10 އަހަރަށްވުރެ ވެސް ގިނަ ވީއެވެ. މަސައްކަތެއް ނުފެށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އެއްވައުދަކީވެސް އައްޑޫ 100 އެނދުގެ ހޮސްޕިޓަލް އެޅުމެވެ. ވެރިކަމަށް 3 އަހަރު ފުރި ކުލަގަދަ ހަފްލާ ބާއްވައި އުފާ ފާޅު ކުރަމުން އަންނަ އިރު އައްޑޫ ހޮސްޕިޓަލާއި ގުޅިގެން މިހާރު އިވެނީ ހިތްދަތި ވާހަކަ ތަކެކެވެ.

އާ ހޮސްޕިޓަލް އެޅުމުގެ ބަދަލުގައި ހިތަދޫ އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރާވާހަކައެވެ. އީސީސީ އެޅި މަގަސަދުގެ ބަދަލުގައި އެއިމާރާތް ހޮސްޕިޓަލަކަށް ބަދަލު ކުރާ ވާހަކައެވެ.

އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަކީ ހަރަދު ބޮޑު، އަދި އޭގެ ގެއްލުން ބޮޑު ކަމެކެވެ. އެއީ އީސީސީ އަކީ ހޮސްޕިޓަލަކަށް ބަދަލު ކުރެވޭނެ ޑިޒައިނަކަށް އަޅާފައިވާ ތަނެއް ނޫނެވެ. ބޮޑު ހޯލަކާއި އެކު ހަދާފައިވާ އީސީސީ ހޮސްޕިޓަލަށް ބަދަލު ކުރުމަށް އެތަން ހަލާކު ކުރުމަށް ވުރެ މިހާރު ހުރި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އިތުރަށް ތަރައްޤީ ކުރިއަސް ސަރުކާރަށް ހަރަދު ކުޑަވެފައި އެކަމުގެ ފައިދާ ރައްޔިތުންނަށް މާ ބޮޑެވެ.

ހޮސްޕިޓަލްގެ އާއިމާރާތް އެޅުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭނަމަ އީސީސީ ހޮސްޕިޓަލަށް ބަދަލު ކުރުމަށް ހޭދަކުރަންޖެހޭ ހަރަދަށްވުރެ މާ ބޮޑުތަން ކުޑަކޮށް މިހާރުގެ ހޮސްޕިޓަލް ތަރައްޤީ ކުރެވޭނެއެވެ.

ތަޖްރިބާ ހުރި ފަރާތްތަކުން ބުނާ ގޮތުގައި އީސީސީ އިމާރާތާއި، އެބިމަކީ ހޮސްޕިޓަލަށް އެކަށޭނެ ތަނެއް ނޫނެވެ. އޭގެ ބަދަލުގައި މިހާރުގެ ހޮސްޕިޓަލް ހުރި ތަނުގައި އިތުރު އިމާރާތްކޮށް، ވަސީލަތްތައް ގާއިމް ކުރުން މާ ރަނގަޅެވެ. އެއީ މިހާރުވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ކަންކަމަށް ސަރުކާރުން ބޮޑެތި ހޭދަތައް ކުރަމުން އަންނާތީއެވެ.

އާ ހޮސްޕިޓަލް އެޅުމުގެ ބަދަލުގައި ، ކޮންވެންޝަން ސެންޓަރެއްގެ ގޮތުގައި މިހާރުވެސް ބޭނުން ކުރެވޭ ހިތަދޫ އީސީސީ ހަލާކުކޮށްލުމަކީ ވަރަށް ދެރަކަމެކެވެ. އައްޑޫގެ ތަރައްޤީއަށް ކޮންވެންޝަން ސެންޓަރު ވަރަށް މުހިއްމެވެ. އެތަން ހަލާކު ކޮށްފިނަމަ ދެން ކައިރި މުސްތަގްބަލެއްގައި އައްޑޫގައި ކޮންވެންޝަން ސެންޓަރެއް ނޭޅޭނެއެވެ، އެފަދަ ތަނަކަށް ބޭނުން ޖެހޭ އިރު އެތަން އޮންނާނީ ހަލާކުވެފައެވެ. ވަގުތު އޮންނާނީ ފާއިތުވެފައެވެ.

މިއީ އައްޑޫ ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭ ކަމެކެވެ. ސަރުކާރަށް ތާއިދު ކުރާ އައްޑޫ މަޖިލިސް މެމްބަރުންނާއި، އައްޑޫއަށް ނިސްބަތްވާ ސިޔާސީ ނުފޫޒު ގަދަ ފަރާތްތަކުން ވިސްނައި އެކްޝަން ނަގަން ޖެހޭ ކަމެކެވެ. މިކަމަކީ ފަތުރުވެރިކަން ކުރިއަރަމުން އަންނަ އިރު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އައްޑޫ ވިޔަފާރިވެރިން ވިސްނަންޖެހޭ ކަމެކެވެ.

ތަނެއް ހަލާކުކޮށްލައިގެން ހޮސްޕިޓަލް އެޅުމަށް ވުރެ، އާ ހޮސްޕިޓަލް އެޅުމުގެ ހިޔާލެއް ނެތް ނަމަ މިހާރު ހުރި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީ ކުރުން އައްޑޫ ރައްޔިތުންގެ މުސްތަގްބަލަަށް މާ މުހިއްމެވެ.

އީސީސީ ހަލާކު ކުރުމަކީ ގޯހެކެވެ. އެންމެން މިވާހަކަ ދައްކަން އެބަޖެހެއެވެ.