ހިތަދޫ އީދިގަލިކިޅި ދަނޑުގައި ކުރިއަށްދާ އޮންދިގޯ ޒެފިއާ ފުޓްސަލް ކަޕްގެ ސެމީ ފައިނަލް ދެވަނަ މެޗް މިއަދު މޫސުމް ގޯސްވުމުން ކެންސަލް ކޮށްފިއެވެ.
މުބާރާތް އިންތިޒާމް ކުރާ އިސް އޮފިޝަލަކު ވިދާޅުވީ ސެމީ ފައިނަލްގެ ފަހު މެޗްގައި އެފްސީ އުސްގަޑަ އަދި ސްކޫޕް ކަންމަތި މެޗު މާދަމާއަށް ފަސްކޮށްފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މޫސުމް ގޯސްވުމުގެ ސަބަބުން މިއަދު މެޗް ކުޅުމަށް ދެޓީމަށްވެސް ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
އެފްސީ ޒެފިއާއިން އިންތިޒާމް ކުރާ މި މުބާރާތުގެ ފައިނަލަށް އެފްސީ ސުއްޓާލައިން ވަނީ ދަތުރުކޮށްފައެވެ. މުބާރާތުގެ ފައިނަލް މެޗު މިމަހުގެ 17 ވަނަ ދުވަހު ކުޅެން ނިންމާފައި އޮތް ނަމަވެސް މިއަދުގެ މެޗު ފަސް ކުރުމާއި ގުޅިގެން ބަދަލު އަންނާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮންދިގޯއިން މެއިން ސްޕޮންސާ ކޮށްފައިވާ މި މުބާރާތުގެ އެހެން ޕާޓުނަރުންނަކީ އައްޑޫ ސިޓީ ކައުންސިލާއި، ދިރާގު އަދި އައްޑޫލައިވް އެވެ.