ސަބްމެރިން ކޭބަލަކުން މުޅި ރާއްޖެ ގުޅާލުމަށް އުރީދޫން ފަށާފައިވާ ބިޔަ މަޝްރޫއުގެ ދަށުން އައްޑޫން އަޅަން ފެށި ސަބްމެރިން ކޭބަލް ގދ. ތިނަދޫ ގައި ގާއިމްކޮށްފައިވާ ލޭންޑިން ސްޓޭޝަނާއި ގުޅާލައިފިއެވެ.
އުރީދޫގެ ނޭޝަން ވައިޑް ސަބްމެރިން ކޭބަލް މަޝްރޫއު އިފްތިތާހް ކޮށްފައިވަނީ މިމަހުގެ 8 ވަނަ ުވަހު ސ. ހިތަދޫގައެވެ. އުރީދޫން ބުނީ 25 މިލިއަން ޑޮލަރުގެ މި ބިޔަ މަޝްރޫއުގައި ސަބްމެރިން ކޭބަލް 6 ލޭންޑިން ސްޓޭޝަނަކާއި ގުޅާލުމަށް ހަމަޖެހިފައިވާކަމަށެވެ.
އުރީދޫން ބުނީ ހަމަޖެހިފައިވާ އުސޫލުން ހުރިހާކަމެއް ގޮސްފި ނަމަ އަންނަ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އެއްކޮށް ސަބްމެރިން ކޭބަލުން ގުޅާލެވޭނެކަމަށެވެ.
އުރީދޫއަށް އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ލައިސެންސް ލިބުމާއި އެކު، ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ހައިސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމަށް އެކުންފުނިން ނިންމައި ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ލޭންޑިން ސްޓޭޝަން ހެދުމުގެ މަސައްކަތެވެ. އެގޮތުން 6 ލޭންޑިސް ސްޓޭޝަންގެ މަސައްކަތް އެކުންފުނިން ވަނީ މީގެ ކުރިން މުޅިން ނިންމާލާފައެވެ.