ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން ފާޠިމަތު އިބްރާހިމް ހިންގަވާ، ސަދަގާތް ފައުންޑޭޝަނަށް އިސްލާމިކް މިނިސްޓްރީގައި އޮންނަ ވަގުފު ފަންޑުން ފައިސާއެއް ޖަމާކޮށްފައި ނުވާކަމަށް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)އިން ބުނެފިއެވެ.
ސަދަގާތް ފައުންޑޭޝަނަށް ވަގުފު ފަންޑުން ފައިސާ ޖަމާކުރިކަމަށް ބުނެ އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅި މައްސަލައެއް ތަހްގީގު ކުރުމަށްފަހު އޭސީސީން ބުނީ އެފަދަ ފައިސާއެއް ސަދަގާތް ފައުންޑޭޝަނަށް ޖަމާކޮށްފައިވާކަން އެނގެން ނެތްކަމަށެވެ.
އޭސީސީ އިން ބުނީ، ޔޫއޭއީގެ އަމިއްލަ ޖަމްއިއްޔާއަކުން ރާއްޖޭގައި އެކި ދީނީ ކަންކަން ހިންގުމަށް 24،980 ޑޮލަރު އެމްއެމްއޭގެ އެކައުންޓަށް ޖަމާކުރިކަން އެނގޭ ކަމަށެވެ.
އެ ފައިސާގެ ތެރެއިން 12،000 ޑޮލަރު މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ، ސޮދަގާތު ފައުންޑޭޝަންގެ އެކައުންޓަށް ޖަމާކޮށް ދިނުމަށް އެ ޖަމްިއްޔާއިން އެހީ ދިން އިރު އެދިފައިވާ ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީ އިން ފިނޭންސް މިނިސްޓްރީގައި ސިޓީއަކުން އެދުނު ކަމަށެވެ.
އެ ފައިސާ އަކީ އެ މިނިސްޓްރީ އިން އިންތިޒާމުކޮށްގެން ބާއްވާ ރޯދަވީއްލުމަށާއި، ދީނީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށާއި، ސަދަގާތް ފައުންޑޭޝަނަށް ރޯދަމަހު ކުރިއަށްގެންދާ ޙަރަކާތްތަކަށް ފޮނުވާފައިވާ ފައިސާކަމަށް ރިޕޯޓުގައިވެ އެވެ.
ވަގްފް ފަންޑް ހިންގާ އުސޫލުގެ ދަށުން އެ ފަންޑަށް ލިބޭ ފައިސާ ދޫކުރުމުގައި މެމްބަރުން މަޝްވަރާކުރުމަށް ފަހު ދޫކުރާނެ ފައިސާގެ މިންވަރު ކަނޑައެޅުމަކީ ކޮމިޓީއާ މަތިކުރެވިފައިވާ މަސައްކަތެއްކަން އެނގޭއިރު، ވަގްފް ފަންޑް ކޮމިޓީގެ 12 ވަނަ ބައްދަލުވުމުގައި އަބޫދާބީގެ ޖަމިއްޔާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 12,000 އެމެރިކާ ޑޮލަރަށްވާ ދިވެހި ރުފިޔާ ސަދަގާތު ފައުންޑޭޝަނަށް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އޭސީސީގެ ތަހުގީގު ރިޕޯޓުގައިވެ އެވެ.
އެހެންވެ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ ދަށުން އެ މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއްކަމުގައި އޭސީސީ އިން ވަނީ ކަނޑައަޅާފަ އެވެ.