Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

ޤުރުއާނާ ބެހޭ މަރުކަޒުގެ ހުޅުމީދޫ ގޮފިން ތަފާތު ކޯސްތައް ހިންގާނެ: މުދީރް

ހުޅުމީދޫގައ ގާއިމްކޮށްފައިވާ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިން ކުރިއަށް އޮތް ތަނުގައި އެކި ފެންވަރުގެ ކޯސްތައް ހިންގާނެ ކަމަށް ގުރުއާނާ ބެހޭ މަރުކަޒުގެ މުދީރު ޝެއިހް އަބްދުލް އަޒީޒް ހުސައިން ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ގާރީ ލެވެލް 3،2،1 ގެ ކޯސްތައް ހިންގުމުގެ އިތުރަށް ގުރުއާނާ ބެހޭ މަރުކަޒުގެ ޓީޗަރުން ފޮނުވައިގެން އިމާމު ކޯހާއި ކަށުކަމާކެމީގެ ކޯސްތަކާއި ގުރުއާން ޓީޗަރުން ތަމްރީނު ކުރާ ކޯހާއި ގާރީ އެޑްވާންސް ކޯސް އަދި ޑިޕްލަމާ ކޯސްފަދަ މުހިއްމު ކޯސްތައް ހިންގައިދޭނެ ކަމަށެވެ.

ގުރުއާނާ ބެހޭ މަރުކަޒުގެ މުދީރު ހުޅުމީދޫގައި ގާއިމް ކުރެވުނު މަޒުކަރުން ތައުލީމު ހާސިލް ކުރުމަށް އެހެން ރަށްރަށުން މީހުން އަންނާނީ މި ދެރަށުގެ މީހުންނަކީ ރަނގަޅު އަޚުލާގެއްހުރި ރަނގަޅަށް މެހުމާންދާރީ އަދާކުރާ ބަޔަކަށްވެގެން ކަމަށެވެ. އަދި އައްޑޫގެ ގުޅިފައިވާ ރަށްރަށުން މީހުން ގުރުއާނާ ބެހޭ މަރުކަޒުގެ ހުޅުމީދޫ ގޮއްޕަށް ކިޔަވަން އައުމުން އެ މީހުންނަށް މި ދެރަށުގެ މީހުން މެހްމާންދާރީ އަދާކޮށް ހެޔޮވާން ޖެހޭނެ ކަމަށް ވެސް އަބްދުލް އަޒީޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ތަނަށް ކިޔަވަން އަންނަ ފަރާތްތަކަށް މީދު އާއި ހުޅުދުއަކީ އަމާން ތަނެއްކަން އެ ފަރާތްތަކަށް ރަށްޔިތުން ސާބިތުކޮށް ދީފި ކަމަށްވާ ނަމަ ހުޅުމީދޫގައި ގާއިމް ކުރެވުނު މަރުކަޒުން ކިޔެވުމުގެ ފުރުސަތު ހޯދަން އެހެން ރަށްރަށުގެ މީހުން އަންނަން ޖެހިލުން ނުވާނެ ކަމަށެވެ.

މީގެ އިތުރަށް ގުރުއާނާ ބެހޭ މަރުކަޒުގައި ކިޔަވާ ކޮންމެ ދަރިވަރަކީ އަޚުލާގީ މިންގަޑުތަކެއް ހުންނަން ޖެހޭނެ ކުއްޖަކަށް ވާން ޖެހޭނެ ކަމަށް ވެސް އަބްދުލް އަޒީޒު ވިދާޅުވި އެވެ.