ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އައިޝާ ނިޔާޒް ކޮންސަލްޓިން އަދި ކްލައިމެޓް ޓްރެކާ ގުޅިގެން ނޫސްވެރިން މޫސުމަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކުރުމާ ބެހޭގޮތުން 3 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ނ. ކުޑަފަރީގައި ބާއްވައިފި އެވެ.
ރާއްޖޭގައި ކޮރަޕްޝަނާއި ދެކޮޅަށް އަދި އިންސާނީ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް މަސައްކަތްކުރާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި މޫސުމަށް އަންނަ ބަދަލުތަކާމެދު ރައްޔިތުން ހޭލުންތެރި ކުރުވާ އެކަމަށް އިސްވެ ހަރަކާތްތެރިވުމަށް ރައްޔިތުން ބާރުވެރިކުރާ އައިޝާނިޔާޒް ކޮންސަލްޓީންގ އިން އިސް ނަގައިގެން ބޭއްވި މިތަމްރީން ޕްރޮގްރާމުގައި ދިވެހި ރާއްޖޭގައި ހިންގާ ބައެއް އޮންލައިން ނޫސްތަކާއި، ޓީވީ ޗެނަލްތަކުގެ އިތުރުން "ސޭވް ދަ ބީޗް" ގެ ބައިވެރިންވެސް ބައިވެރިވެފައިވެއެވެ.
ރާއްޖޭ އުތުރުން ނ.ކުޑަފަރީގައި ކުރިއަށް ދިޔަ މި ޓްރެއިނިންގ ޕްރޮގްރާމުގައި ބައިނަލްއަގުވާމީ މައިދާނުގައި މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން މީހުން ހޭލުންތެރިކޮށް ލިޔެ، ލިޔުމަށް އަހުލުވެރިކޮށް ބާރުވެރިކުރުވާ "ކްލައިމެޓް ޓްރެކާ" ގެ ޑިރެކްޓަރު ކްރިސް ރައިޓް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކްރިސްގެ ސެޝަންތަކުގައި ނޫސްވެރިންނަށް މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިވެހި ރާއްޖެއަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ބުނެދީފައިވެއެވެ. އެގޮތުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާއިރު ރާއްޖެ ފަދަ ތިރި ޖަޒީރާ ގައުމަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ މިންވަރުވެސް ނޫސްވެރިންނަށް އަންގާދެވުނެވެ.
ނޫސްވެރިންނަށް ނަގައިދެވުނު ކުލާސްތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި އޭގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާނެ މިންވަރާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ރާއްޖޭގައި އަދާކުރާ ރޯލުގެ އިތުރުން މައުލޫމާތު ހޯދުމުގެ ހައްގާއި "ސޭވް ދަ ބީޗް' ގެ ނަމުގައި ހިންގަމުންދާ އެންޖީއޯ އިން ވިލިމާލޭގެ މޫދު ހިމާޔަތް ކުރުމަށް ކުރާ މަސައްކަތް ވެސް ބައިވެރިންނާއި ހިއްސާ ކުރެވިފައިވެއެވެ.
ސޭވް ދަ ބީޗް އިން މައުލޫމާތު ދީފައިވާ ގޮތުން ވިލިމާލޭގެ އިތުރުން މާލެ އަދި ހުޅުމާލޭގެ ވެސް މޫދާއި ގޮނޑުދޮށް ސަލާމަތް ކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި އެމީހުން އަމާޒުކޮށްފައިވަނީ މުޅި ރާއްޖެ ކަމަށާއި ވިލިމާލެ ފަދަ އެހެން ރަށްތަކުގެ މޫދާއި ފަރުތައް ސަލާމަތްކުރުމަށް އެކިއެކި މަސައްކަތް ކުރުމަށް މިހާރު ދަނީ ރާވަމުންނެވެ.
މި ޕްރޮގްރާމުގައި ބައިވެރިވި ނޫސްވެރިން ވަނީ މިއީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށާއި އެނގެން ބޭނުންވި ވަރަށް ގިނަ ކަންތައް އެނގިފައިވާ ކަމަށް ބުނެފައެވެ. އަދި ނޫސްވެރިންގެ ހައިސިއްޔަތުން ރައްޔިތުންނާ ހަމައަށް މޫސުމަށް އަންނަ ބަދަލުތަކާއި އޭގެ ނޭދެވޭ އަސަރުތައް ގެނެސްދިނުމަށް ހުރިހާ ނޫސްވެރިން ވަނީ އަތުގުޅާލާފައެވެ.
މީގެ އިތުރުން ނ.ކުޑަފަރީގައި މުރަކަ އާލާ ކުރުމުގެ ޕްރޮގްރާމް ގޮސްފައިވަނީ ކިހާ ހިސާބަކަށްތޯ ރަށުގެ ފަރު ކައިރި މޫދަށް ފީނައިގެން ބައިވެރިން ވަނީ ބަލާފައެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ވާހަކަދެއްކެވި މި ޕްރޮގްރާމްގެ ޕްރޮޖެކްޓް ކޯޑިނޭޓަރ "އައްޑޫ ލައިވް" އަށް ވިދާޅުވެފައިވަނީ މިއީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށާއި ނޫސްވެރިންނަށް އަމާޒުކޮށް މިފަދަ އިތުރު ޕްރޮގްރާމްތައްވެސް ކުރިއަށް އޮތް ތަނުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންތިޒާމްކޮށް ކުރިއަށް ގެންދާނެ ކަމަށެވެ.