Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

"ބީއެމްޑަބްލިއު ކާރާއި އަގޮޓިތައް ވެސް ދައުލަތަށް ނަގަން ޖެހޭ"

ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ކަރަޕްޝަން އެމްއެމްޕީއާރްސީގެ ފައިސާއިން ގަނެފައިވާ ބީއެމްޑަބްލިއު ކާރާއި، އަގޮޓި، ރިލެކްސް ގަޑި އަދި ކަންނެލި ދޯނި އާއި ނާލު ބޯޓުފަހަރުގެ އިތުރުން ސިންގަޕޯރ އަދި މެލޭޝިއާ، މާލެ ހުޅުމާލެއިން ގަނެފައިވާ ފްލެޓް ތަކާއި، އެކައުންޓްތަކަށް މިލިއަނުން މިލިއަނުން ވަދެފައިވާ ފައިސާ ދައުލަތަށް ނަގަން ނުޖެހޭތޯ ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ސުވާލު އުފައްދައިފިއެވެ.

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޒިޔަތު ހުޅުމާލެއިން ގަނެފައިވާ ގެއެއް ޝަރީއަތް މެދުވެރިކޮށް ދައުލަތަށް ނަގަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް އެދުމާއި ގުޅިގެން ނިޔާޒް ވިދާޅުވީ، އެފައިސާއިން އެތައް ހަރަދެއް ކޮށްފައިވާކަމަށެވެ.

އޭސީސީން ނެރުނު ބަޔާނުގައި ބުނީ ހުޅުމާލެ 10721 ގޯއްޗާއި އެތަނުގައިވާ އިމާރާތަކީ އެމްއެމްޕީއާރުސީ ހިންގުމާ ޒިޔަތު ހަވާލުވެ ހުންނެވިއިރު އއ. މަތިވެރި ފިނޮޅު ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އިން އޭނާގެ ކޮއްކޮގެ ނަމުގައި ގަނެދީފައިވާ އިމާރާތާއި ގޯއްޗެއް ކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ

އޭސީސީން ބަޔާނުގައި ބުނިގޮތުގައި ހުޅުމާލެ އިން ޒިޔަތު ގެއެއް ގަނެފައި ވަނީ ފަސް މިލިއަން ރުފިޔާ އަށެވެ. މި ގަނެވިއްކި ވިޔަފާރީގެ އަގްދަކީ ސައްހަ އަގުދެއް ކަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އެހެންވެ އޭސީސީން އެދިފައިވަނީ އެގެ ވިއްކާލައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބިގަތުމަށެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކަރަޕްޝަން މައްސަލާގެ ތަހްގީގު ކުރިއަށްދާ ގޮތާއި، އެކަމުގައި ޝާމިލްވާ ބައެއް ފަރާތްތަކާއި މެދު ފިޔަވަޅު އަޅާފައި ނުވާތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.