Last Updated: June 27, 20:02
Saturday, June 27, 2026
ކުޅިވަރު

ޗެލްސީއަށް 10 ވަނަ މޮޅު، ޔުނައިޓެޑަށް ހަނި ތިން ޕޮއިންޓް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއަށް ޖެހިޖެހިގެން 10 ވަނަ މޮޅާއެކު ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑަކާއެކު ހަމަޖެހިލައިފިއެވެ.

ރޭ ސަންޑަލޭންޑާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ 0-1 އިންނެވެ. ފުރަތަމަ ހާފުގައި ފެބްރިގާސް ޖެހި ގޯލާއެކު ޗެލްސީ ވަނީ އެންމެ ފަހަކަށް ލީގުގައި ކުޅުނު 10 މެޗު ކާމިޔާބުކޮށް 34 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފައެވެ.

އެންްޓޯނިއޯ ކޮންޓޭގެ ޓީމު މިސީޒަނުގައި ކުޅުނު 17 މެޗުން 13 މެޗު ކާމިޔާބުކޮށްފައިވާއިރު ބަލިވެފައިވަނީ ދެ މެޗުންނެވެ. އަދި އެއްވަރުވެފައިވަނީ އެންމެ މެޗަކުންނެވެ.

ސަންޑަލޭންޑާއި ދެކޮޅަށް ޗެލްސީގެ ފަރާތުން އެހެން މެޗުތަކާ އަޅާ ބަލާއިރު އާދައިގެ ކުޅުމެއް ފެނުނު ނަމަވެސް ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ އޭނާގެ ކުޅުންތެރިން ދެއްކި ހިތްވަރަށް ސާބަސް ކިޔާފައެވެ.

ރޭގައި މެންޗެސްޓާ ޔުނައިޓެޑާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރި މެޗު ވަނީ ފަހު ވަގުތު އިބްރަހިމޮވިޗް ޖެހި ގޯލަކާއެކު ހަނިގޮތަކަށް 1-2 އިން ކާމިޔާބުކޮށްފައެވެ.

މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޖަހާފައިވަނީ ޕައުލް ޕޮގްބާއެވެ. މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ 66 ވަނަ މިނެޓުގައި ޖޭމްސް މެކާތާއެވެ.

ޔުނައިޓެޑަށް އަނެއްކާވެސް 1-1 ގެ ނަތީޖާއަކާ ކުރިމަތިލާން ޖެހި ސަޕޯޓަރުން މާޔޫސްވެފައިވަނިކޮށް 88 ވަނަ މިނެޓުގައި ޕޮގްބާ ދިން ތޫނުފިލި ބޯޅައެއް އިބްރަހިމޮވިޗް ވަނީ ހުށިޔާރުކަމާއެކު ގޯލުގެ ކަނަށް ވައްދައި ޔުނައިޓެޑަށް މެޗުން ތިން ޕޮއިންޓު ހޯދާދީފައެވެ.