ދިވެހި ދައުލަތަށް މިއަހަރުގެ ތިންވަނަ ކުއާޓާގައި ލިބުނު އާމްދަނީއަށްވުރެ ދައުލަތުން ކުރި ޚަރަދު ބޮޑު ކަމަށް އެމްއެމްއޭ އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭ އިން ނެރޭ ކުއާޓަލީ އިކޮނޮމިކް ބްލެޓިންގ ގައި ހާމަކޮށްފައިވާގޮތުން ތިންވަނަ ކުއާޓާގައި ދައުލަތަށް ލިބިފައިވަނީ 12.5 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. ނަމަވެސް ދައުލަތުން ކޮށްފައިވާ ޚަރަދުތައް 13.9 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް އެ ބްލެޓިން އިން ދައްކާފައިވެއެވެ.
ނިމިދިޔަ އޮގަސްޓު މަހާއި ހަމައަށް 642 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު މި އާމްދަނީގެ 74 އިންސައްތައަކީ ދައުލަތުން ނަގާ ޓެކްސް އިން ލިބިދޭ އާމްދަނީއެވެ.
މިއީ މިދިޔަ އަހަރުގެ މި ކުއާޓާގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 5 ޕަސަންޓު އިތުރު އަދަދެކެވެ. އަދި ދައުލަތަށް ލިބުނު ޖުމުލަ ޓެކްސްގެ އަދަދުވެސް ވަނީ ތިންވަނަ ކުއާޓާގައި އިތުރުވެފައެވެ.
މިއީ އަލަށް ތައާރަފްކުރި ގްރީން ޓެކްސްގެ ސަބަބުން އިތުރުވި އަދަދެއް ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން މިއަހަރުގެ ތިންވަނަ ކުއާޓާގައި އާންމު ޓެކްސްގެ އާމްދަނީވެސް ވަނީ އިތުރުވެފައެވެ.
ދައުލަތުން ނިމިދިޔަ ކުއާޓާގައި ކުރި ޚަރަދުތައް 14 ބިލިއަނާއި ކައިރި ކުރާއިރު މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި ދައުލަތުން ކުރި ޚަރަދަށްވުރެ 23.6 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.
މާލެ ރީ ޑިވެލޮޕްމެންޓަށް ބޮޑު ޚަރަދެއް ކުރެވިފައިވާއިރު އެއީ ދައުލަތުން ކުރި ޚަރަދު އިތުރުވުމަށް ދިމާވި މައިގަނޑު ސަބަބު ކަމަށް އެމްއެމްއޭ އިން ވަނީ ހާމަކޮށްފައެވެ. އަދި ސަރުކާރުން ނިމިދިޔަ ކުއާޓާގައި ޕަބްލިކް ސެކްޓާގެ އިތުރު މަސައްކަތްތަކަށް ބޮޑެތި ޚަރަދު ކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.