ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދްމަތް ހަރުދަނާ ކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެގްޒެކްޓިވް ޓީމަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެއެވެ.
މިއަދު ބޭންކްގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އެކު ބޭއްވި ބައްދަލުވުމުގައި އެންޑްރޫ ހީލީ ވިދާޅުވީ، ބޭންކުގެ ލަނޑު ދަޑިތައް ހާސިލް ކުރުމަށް ނިންމާ ނިންމުމުގެ ތެރެއިން އިތުރު ބޭފުޅަކު ޑެޕިއުޓީ ސީއީއޯއަކަށް ހަމަޖައްސަވާކަމަށެވެ.
ހީލީ ވިދާޅުވީ، މިހާރުގެ ރީޓެއިލް ބޭންކިން ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަރީފް ޑެޕިއުޓީ ސީއީއޯގެ އިތުރުން ޑައިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމަށް އައްޔަން ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޝަރީފް ޑެޕިއުޓީ ސީއީއޯއަކަށް އައްޔަން ކުރެއްވުމުން ބޭންކްގައި ދެ ޑެޕިއުޓީ ސީއީއޯއިން ތިއްބަވާނެއެވެ. އެއީ މިހާރުގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން އެކުއެވެ.
މީގެ އިތުރުން މިވަގުތު ޑައިރެކްޓަރ އޮފް ކޯޕްރޭޓް ބޭންކިންގެ މަގާމުގައި ހުންނެވި ކުލްދީޕް ޕަލިވާލް ހަމަޖެހިގެންދާނީ ބޭންކްގެ ރީޓެއިލް އަދި ކޯޕްރޭޓް ބޭންކިންގެ ޒިންމާ ހިމެނޭ ގޮތަށް ޑައިރެކްޓަ އޮފް ބިޒްނަސްއަށެވެ.
އަދި އިސްލާމިކް ބޭންކިންގެ ހިދުމަތް ފުޅާކުރުމަށް ބޭންކުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި، އެދާއިރާގައި ބައިނަލްއަޤްވާމީ ތަޖުރިބާ ހުރި ޒުލްކަރްނައިން ޓަމަން، އަލަށް އުފައްދާ ޑައިރެކްޓަ އޮފް ބީއެމްއެލް އިސްލާމިކްގެ މަގާމަށް އައްޔަންކުރުމަށްވަނީ ނިންމާފައެވެ.
ބީއެމްއެލްއިން ބުނީ އަލަށް އައްޔަން ކުރި ފަރާތްތަކުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ފައްޓަވާނީ އަންނަ ޖެނުއަރީ 2 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
ބީއެމްއެލްއިން ރާއްޖޭގެ 20 އަތޮޅުގައި 31 ބްރާންޗް ގާއިމްކޮށްފައިވެއެވެ. އޭގެ އިތުރުން ބީއެމްއެލްގެ 78 އޭޓީއެމް އާއި 4000 ޕީއޯއެސް މަޗަންޓުން، 191 ކޭޝް އެޖެންޓުން، 18 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ވަނީ ތައާރަފްކޮށްފައެވެ.
ބީއެމްއެލް ދަނީ ފަސޭހަ، ރައްކާތެރި ހިދްމަތްތަކެއް ފޯރުކޮށްދިނުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރަމުންނެވެ. އަދި ބޭންކްގެ ހިދްމަތަށް ކަސްޓަމަރުންގެ މަގްބޫލްކަން އަންނަނީ އިތުރުވަމުންނެވެ.