އެމެރިކާގެ ޓެކްސަސްގެ ފެން ކެމިކަލުން ތަޣައްޔަރުވުމުގެ ސަބަބުން އިސްކުރު ފެން ބުއިމަށާއި ފެންވެރުމަށްވެސް ބޭނުން ނުކުރުމަށް އޮފިޝަލުން ޓެކްސަސްގެ ރައްޔިތުންނަށް އިލްތިމާސްކޮށްފި އެވެ.
ބުދަ ދުވަހު ނެރުނު އިންޒާރަކީ، ގަލްފް އޮފް މެކްސިކޯ ކައިރީގައި އޮންނަ ކޯޕަސް ކްރިސްޓީގައި ދިރިއުޅޭ 300،000 އަށްވުރެ ގިނަ މީހުންނަށް ޢަމާޒުކޮށްގެން ނެރެވުނު އިންޒާރެކެވެ.
އޮފިޝަލުން ބުނާގޮތުގައި ފެން ކެއްކުމާއި، ގަނޑުކުރުމާއި، ފިލްޓާ ކުރުމާއި، ކްލޮރިން ނުވަތަ އެހެނިހެން ޑިސްއިންފެކްޓެންޓްތައް ބޭނުން ކުރިނަމަވެސް، އެފެން ރައްކާތެރިއެއް ނުވާނެ ކަމަށެވެ.
ފެނާއި އެކުވެފައިވާ ކެމިކަލްތަކުގެ ނަން ހާމަކުރެވިފައި ނުވިނަމަވެސް، ޕެޓްރޯލިއަމްގެ ބާވަތްތައް ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ.
"އިތުރު އިއުލާނެއް ނުކުރަނީސް، ބުއިމަށާއި، ކާބޯތަކެތި ތައްޔާރު ކުރުމަށާއި، ގަނޑުފެން ހެދުމަށާއި، ދަތް އުނގުޅުމަށާއި، ތަށި ނުވަތަ އަންނައުނު ދޮވުމަށާއި، އަތް ދޮވުމަށާއި އަދި ފެންވެރުމަށްޓަކައިވެސް ބޭނުން ކުރަން ޖެހޭނީ ފުޅީގައި ބަންދުކުރި ފެން"، ކޯޕަސް ކްރިސްޓީއިން ނެރުނު ނޫސް ބަޔާނެއްގައި ވެއެވެ.
ބުދަ ދުވަހުގެރޭ އެސިޓީގެ ފިހާރަތަކުގައި ފެންފުޅި ގަތުމަށް އެތައް ސަތޭކަ މީހުން އެއްވުމުގެ ސަބަބުން ވަނީ ވަރަށް ދިގު ކިޔުތައް އުފެދިފައެވެ.
އޮފިޝަލުން ޤަބޫލުކުރާ ގޮތުގައި ފެން ތަޣައްޔަރު ވެފައިވަނީ އެސިޓީގެ އިންޑަސްޓްރިއަލް އަވަށުގެ ފެން ހޮޅިއަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. އޭގެ ސަބަބުން "ބެކް-ފްލޯ" ހާދިސާއެއް ހިނގައި، ބޯފެން ސަޕްލައިގެ ތެރެއަށް ކެމިކަލްތައް ލީކްވެގެން ދިޔައެވެ.
ފެން ތަޣައްޔަރުވި މައްސަލަ އެންމެ ފުރަތަމަ ރިޕޯޓް ކުރެވުނީ އެތަނުގެ ގަޑިން 18:00 ގައެވެ. އެކަން ރިޕޯޓް ކޮށްފައިވަނީ އަތް ދޮންނަނިކޮށް ފެނުގައި މައްސަލައެއް އުޅޭކަން ފާހަގަ ކުރެވުނު މުވައްޒަފަކަށެވެ.
މޭޔާ ޑޭން މެކްކުއީން ވަނީ ސިޓީގެ ފެން ފިލްޓާ ކުރުމުގެ ސިސްޓަމް ފެއިލް ނުވާކަމަށް ބުނެފައެވެ.
ބައެއް ސްކޫލްތައް ބަންދުކޮށް، ކިޔަވައިދިނުން ހުއްޓުމަކަށް ގެނެސްފައިވާއިރު، އަނެއްބައި ސްކޫލްތަކުގައި ކިޔަވައިދިނުން ކުރިއަށް ގެންދެއެވެ.
ހުޅުވާފައި ހުރި ސްކޫލްތަކުން ދަނީ ބަންދުކުރި ފެންފުޅިއާއި ހޭންޑް ސެނިޓައިޒާތައް ބަހަމުންނެވެ.
ކޯޕަސް ކްރިސްޓީ އަކީ ވޭތުވެދިޔަ އަހަރުތަކުގައި ފެން ތަޣައްޔަރު ވުމުގެ މައްސަލަ ދިމާވި ހަމައެކަނި ޔޫއެސް ސިޓީ ނޫނެވެ.