އަމަލުވެފައިވާ ހާލަތުގައި ދުއްވުމާއި މަގުމަތީ އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި، ވަކިވަކި ސްޓޭޓްތަކުގެ އަދި ޤައުމީ ހައިވޭތަކުގައި ހުރި ބަނގުރާވިއްކާ ފިހާރަތައް ބަންދުކުރުމަށް އިންޑިއާގެ އެންމެ މަތީ ކޯޓުން އަމުރު ކޮށްފިއެވެ.
ކޯޓުން ވަނީ އާ ލައިސެންސްތައް ދޫކުރުން ހުއްޓާލުމަށާއި، މިހާރު ދެވިފައިވާ ލައިސެންސްތައް 31 މާޗަށްފަހު އާކުރުމަށް އަމުރު ކޮށްފައެވެ.
146،000 އަށްވުރެ ގިނަ މީހުން ވަނީ މިދިޔަ އަހަރު އިންޑިއާގައި ހިނގި ޓްރެފިކް އެކްސިޑެންޓްތަކުގައި މަރުވެފައެވެ.
އޭގެތެރެއިން ގާތްގަނޑަކަށް 5% ނުވަތަ 6،755 އެކްސިޑެންޓްތައް ހިނގާފައިވަނީ ރާބޮއެގެން ނުވަތަ މަސްތުވާތަކެތި ބޭނުން ކޮށްގެން ތިބި ހާލަތުގައި ދުއްވާފައިދިޔަ މީހުންގެ ސަބަބުންނެވެ.
"ޤައުމީ އަދި ސްޓޭޓް ހައިވޭތަކުގައި ރާވިއްކާ އެއްވެސް ތަނެއް ހުރެގެން ނުވާނެ"، ތިން ފަނޑިޔާރުންގެ ބެންޗުގެ އެންމެ އިސް ފަނޑިޔާރު ކަމަށްވާ ޗީފް ޖަސްޓިސް ޓީއެސް ޓާކުރް ބުރާސްފަތި ދުވަހު ނެރުއްވި ހުކުމްގައި ބުނެފައިވާ ކަމަށް އޭއެފްޕީ އިން ރިޕޯޓް ކުރެއެވެ.
ކޯޓުން ނެރެފައިވާ އަމުރުގައި އިތުރަށް ވާގޮތުން، ހައިވޭތަކުން ހުރިހާ ރަލުގެ އިޝްތިހާރުތައް ނައްތާލައި، ރާވިއްކާ ފިހާރަތައް ހުންނަން ޖެހޭނީ ހައިވޭތަކަށްވުރެ މަދުވެގެން 500 މީޓަރު (1،640 ފޫޓް) ދުރުގައި ކަމަށެވެ.
ކެމްޕެއިން ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ހައިވޭތަކުގައި ހުންނަ ރާވިއްކާ ފިހާރަތަކަކީ މަގުތަކުގެ ބޭނުންހިފާ މީހުންގެ ސަމާލުކަން ވަރަށް ބޮޑަށް ހޯދާ ތަންތަން ކަމަށެވެ.
ބަނގުރަލަކީ އިންޑިއާގެ ހަތަރު ސްޓޭޓްއެއް ކަމަށްވާ ގުޖުރާތު، ބިހާރް، މަނިޕޫރް އަދި ނާގަލޭންޑްގައި މަނާ ކުރެވިފައިވާ އެއްޗެކެވެ. އަދި ދެކުނު ކެރަލާ ސްޓޭޓްގައި ބަނގުރާވަނީ ކޮންމެވެސް ވަރަކަށް މަނާކުރެވިފައެވެ.