ޗެކް ރިޕަބްލިކްއަށް އެތައް މިލިއަން ޑޮލަރަކުން ދަރަނިވެރި ވެފައިވާ ކިއުބާއިން ވަނީ އެދަރަނި އަދާކުރުމަށް ވަރަށް އާދަޔާއި ޚިލާފު ގޮތެއް ހުށައަޅާފައެވެ. އެއީ ވަރަށް މަޝްހޫރު ރާފުޅިތަކެއް ދީގެން ކަމަށް ޕްރާގްގެ އޮފިޝަލުން ބުނެއެވެ.
ޗެކް ރިޕަބްލިކްގެ ފިނޭންސް މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި އެޚިޔާލު ހަވާނާއިން ހުށައަޅާފައިވަނީ ދާދިފަހުން އެމައްސަލައާއި ގުޅޭގޮތުން ބޭއްވި މަޝްވަރާގެ ބައްދަލުވުމެއްގައި ކަމަށެވެ.
ކިއުބާއިން ޗެކް ރިޕަބްލިކްއަށް 276 މިލިއަން ޑޮލަރު ދޭން ޖެހެއެވެ. އަދި ކިއުބާއިން ހުށައެޅި ހުށައެޅުން ޤަބޫލުވެއްޖެނަމަ، ގަރުނަކަށްވުރެ ގިނަ ދުވަސްވަންދެން ބޭނުން ކުރެވޭހާ ގިނަ ކިއުބަން ބަނގުރާ ޗެކްގައި ހުންނާނެއެވެ.
އެހެންނަމަވެސް، ޕްރާގްއިން ބުނާގޮތުގައި ކިއުބާއިން ދައްކަން ޖެހޭ އަދަދުގެ ކޮންމެވެސް މިންވަރެއް ފައިސާއިން ދިނުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.
ހަވަނާގެ ދަރަނިއަކީ ކޯލްޑް ވޯ (ފިނި ހަނގުރާމަ)ގެ ދުވަސްވަރުގެ ދަރަންޏެކެވެ.
މިހާރު ކިއުބާގައި އެހާގިނަ ފައިސާ ނެތްނަމަވެސް، ވަރަށް ގިނަ ބަނގުރާ އެބަހުރިއެވެ. އާދަޔާއި ޚިލާފު މިހުށައެޅުމުގެ އަސްލަކީވެސް އެއީ ކަމަށް ބީބީސީގެ ރޮބް ކެމެރަން ބުނެއެވެ.
ޗެކްގެ ފިނޭންސް މިނިސްޓްރީއިން ބުނާގޮތުގައި ދަރަނި އަދާ ކުރެވޭނީ ބަނގުރަލުން އެހެން ނޫނީ ބޭހުން ކަމަށެވެ.
އެހެންނަމަވެސް، ކިއުބާގައި އުފައްދާ ބޭހަކީ އީޔޫއިން ސެޓިފައި ކޮށްފައިވާ ބޭސްތަކަށް ނުވުމާއިއެކު، ޗެކް ރިޕަބްލިކްގައި މަޝްހޫރު ޘަޤާފީ ބޭސްފަރުވާއިން ދަރަނި އަދާކުރުމަކީ ފަސޭހަ ކަމަކަށް ވާނެކަމަށް ލަފާކުރެވެއެވެ.