ހިތަދޫގައި ކުރިއަށްދިޔަ ޒެފިއާ ފުޓްސަލް ކަޕް 2016 ގެ ޗެމްޕިއަންކަން އެފްސީ އުސްގަނޑަ ޕެނަލްޓީގައި ބަލިކޮށް އެފްސީ ސުއްޓާލައިން ހޯދައިފިއެވެ.
ފޯރިގަދަ ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗު ސުއްޓާލައިން ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީގައި 6-7 އިން މޮޅު ވެގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-3 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ފުރަތަމަ ހާފުގައިވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ހާފު ނިމިގެން ގޮސްފައިވަނީ ދެޓީމަށްވެސް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރުވެގެންނެވެ. ނަމަވެސް ސުއްޓާލައިނުން ވަނީ އުސްގަނޑަ ގޯލަށް ނުރައްކާކޮށްފައެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ އުސްގަނޑަ ޓީމު ވަނީ ޕެނަލްޓީ އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމަކުން ގޯލު ޖަހާފައެވެ. އުސްގަނޑަ ޓީމުން މެޗުގެ ލީޑު ނެގިތާ މާގިނައިރުތަކެއް ނުވެ ސުއްޓާލައިނުންވެސް ވަނީ ހިލޭ ޖެހުމަކުން މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު ޖަހާފައިވަނީ ސުއްޓާލައިނުގެ ތިލްމީޒްއެވެ.
ސުއްޓާލައިނުން މެޗުގެ ނަތީޖާ އެއްވަރު ކުރުމަށްފަހު ލީޑު ނެގުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ. ނަމަވެސް އިތުރު ގޯލެއް ނުޖެހެނީސް އުސްގަނޑަ އިން ވަނީ މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. އުސްގަނޑަ އަނެއްކާވެސް ލީޑުގައި ވަނިކޮށް ސުއްޓާލައިނުން ވަނީ ރީތި ކުޅުމަކާއެކު މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރު ކޮށްފައެވެ. މިލަނޑުވެސް އެޓީމަށް ޖަހާފައިވަނީ ތިލްމީޒްއެވެ.
ސުއްޓާލައިން ވަނީ ދެވަނަ ގޯލާއެކު އެޓޭކުގައި ވަރުގަދަ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މާ ގިނައިރުތަކެއް ނުވެ އެޓީމުގެ ޖާޒީ ނަމްބަރު 7، އާލިފް ފަހުމީ ވަނީ ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ސުއްޓާލައިނަށް ނަގާދީފައެވެ. މެޗު ނިމެން ކުޑަ ސިކުންތުކޮޅަކަށް ވެފައިވަނިކޮށް އުސްގަނޑަ ޓީމު ނަތީޖާ އެއްވަރުކޮށްފައިވަނީ އަނެއްކާވެސް ލިބުނު ހިލޭ ޖެހުމެއްގެ ބޭނުން ހިފައިގެންނެވެ. މިލަނޑު ޖަހާފައިވަނީ ޝާނީޒްއެވެ.
ޕެނަލްޓީގައި އުސްގަނޑަ ޓީމުން ޖެހި ހަތަރު ޕެނަލްޓީއިން ތިން ޕެނަލްޓީ ކާމިޔާބުކޮށްފައިވާއިރު ސުއްޓާލައިނު ވަނީ ޖެހި 4 ޕެނަލްޓީވެސް ގޯލުގެ ތެރެއަށް ވައްދާލާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސުއްޓާލައިން ޓީމުގެ ތިލްމީޒްއެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ އުސްގަނޑަ ޓީމުގެ އަބްދުﷲ އިމްރާން، އަހުމަދު އިބްރާހިމް، ސުއްޓާލައިނުގެ ހަސަން އިރުފާން، އެފްސީ ސްކޫޕް ކަންމަތި ޓީމުގެ އިބްރާހިމް އިންޝާލް އަދި އެޓީމުގެ އިބްރާހިމް މުހައްމަދެވެ.
ފެއާ ޕްލޭ ޓީމަކަށް އެފްސީ ބޮނޑަފަންނަ ހޮވިފައިވާއިރު ފެއާ ޕްލޭ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސުއްޓާލައިނުގެ ހަސަން ރާއިފް އަހުމަދެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ދެ ކުޅުންތެރިންނަށް ލިބިފައިވެއެވެ. އެއީ އެފްސީ ފަސްގަނޑަ ޓީމުގެ އަނީލް އިބްރާހިމް އަދި އެފްސީ އުސްގަނޑަ އަބްދުﷲ އިމްރާނެވެ. އިމްރާން ވަނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހާސިލުކޮށްފައެވެ. މުބާރާތުގެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބޮނޑަފަންނަ ޓީމުގެ ދާނިޝްއެވެ.
މިއީ އޮންދިގޯ ޓްރޭޑާސް އަދި އައްޑޫ ސިޓީ ކައުންސިލްގެ ސްޕޮންސަރ ލިބިގެން ކުރިއަށް ދިޔަ މުބާރާތެކެވެ. ޓެލެކޮމިއުނިކޭޝަން ޕާޓްނަރަކަށް ދިރާގު، ޕްރިންޓިންގ ޕާޓްނަރަކަށް ކޮންޓްރޯލް ޕީ ވަނީ މުބާރާތަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މުބާރާތުގެ މީޑިޔާ ޕާޓްނަރަކީ "އައްޑޫލައިވް" އެވެ.