ވެނެޒުއެލާގެ އެންމެ މަތީ އަދަދުގެ ބޭންކް ނޫޓް މަނާ ކުރެވުމާއިއެކު، އެޤައުމުގައި ފައިސާގެ ހަމަނުޖެހުން އުފެދި، ބޭންކްތަކުގައި ދިގު ކިޔުތައް ވަނީ އުފެދިފައެވެ.
ބައެއް ފައިސާ މެޝިންތަކުން ބުރާސްފަތި ދުވަހުވެސް ދޫކުރަމުން ދިޔައީ ކުރީގެ 100 ބޮލިވާރް ނޫޓްތަކެވެ. އެއީ އެނޫޓްތައް މަނާކުރެވުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ.
ރައީސް ނިކޮލަސް މަޑޫރޯ ވިދާޅުވީ އަންނަ ޖެނުއަރީ މަހުގައި އާ މަތީ އަދަދުގެ ނޫޓްތައް މުޅިން އެއްކޮށް ބަހާލެވޭނެ ކަމަށެވެ.
ރައީސްވަނީ ބްރެޒިލްއާއި ކޮލޮމްބިއާއާއި ދެމެދު އޮންނަ ބޯޑާތައް އާދިއްތަ ދުވަހާއި ހަމައަށް ބަންދުކޮށްފައެވެ. އެއީ "މާފިއާ"ތަކަށް ބޭރުޤައުމްތަކުގައި ފައިސާ ރައްކާކުރުމުގެ ފުރުސަތު ނުދިނުމުގެ ގޮތުންނެވެ.
ކުރީގެ 100 ބޮލިވާރް ނޫޓްތައް ފަހުން އާންމުކުރި ބޮޑެތި ނޫޓްތަކަށާއި ވަކިލާރިތަކަށް ބަދަލުކުރުމަށް އެންމެ 72 ގަޑިއިރުގެ މުހުލަތެއް ދިނުމުން، ވެނެޒުއެލާގެ ރައްޔިތުން ވަނީ ބޭންކްތަކުގައި ބޮޑެތި ކިޔުތައް ހަދާފައެވެ.
100 ބޮލިވާރް ނޫޓަކީ ކަޅު ބާޒާރުގައި އެންމެ 2 ޔޫއެސް ސެންޓްއެވެ.

އެހެންނަމަވެސް، ބުރާސްފަތި ދުވަހު އޭޓީއެމްތަކުން ލާރިނެގި ބައެއް މީހުންނަށް 100 ބޮލިވާރްގެ ނޫޓްތައް ލިބުމުން އަނެއްކާވެސް ޖެހުނީ އެނޫޓްތައް ބޭންކްއަށް ޖަމާ ކުރުމަށްޓަކައި ބޭންކްގެ ކިޔުގައި މަޑުކުރަންށެވެ.
ރައީސް މަޑޫރޯ ބުރާސްފަތި ދުވަހު ވެނެޒުއެލާގެ ރައްޔިތުންނާއި މުޚާތަބު ކުރައްވަމުން ވިދާޅުވީ، އާނޫޓްތައް ވަނީ މިހާރުވެސް ދައުރުވާން ފަށާފައި ކަމަށާއި، ޤައުމުގެ ހުރިހާ ކަންކޮޅުތަކަށް އެނޫޓްތައް ބަހާލެވި، ދައުރުވާން ފަށާނީ އަންނަ ޖެނުއަރީ މަހުގައި ކަމަށެވެ. އެހެންނަމަވެސް، އަދި މިހާތަނަށް ވެނެޒުއެލާގެ ރައްޔިތުންނަށް އާނޫޓްތައް ފެނިފައި ނުވެއެވެ.
އަންގާރަ ދުވަހު ކޮލޮމްބިއާއާއި ބްރެޒިލްއާއި ދެމެދު އޮންނަ ބޯޑަރު ބަންދުކޮށްފައި ވާއިރު، ރައީސްވަނީ އެއަށް 72 ގަޑިއިރު އިތުރު ކޮށްފައެވެ.
މަރުކަޒީ ބޭންކްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ހަބިލިއަނަށްވުރެ ގިނަ 100 ބޮލިވާރް ނޫޓްތައް އެޤައުމުގައި ދައުރުވަމުން ދެއެވެ. އެއީ ހުރިހާ ފައިސާއެއްގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ.