Last Updated: July 1, 09:19
Wednesday, July 1, 2026
ޚަބަރު

ކޯރަކަށް ގެނބި އިންޑިއާގެ ދަރިވަރުންތަކެއް މަރުވެއްޖެ

ދިއްލީގެ ސެއިންޓް ސްޓީފެން ކޮލެޖުގެ ތިން ދަރިވަރުންނާއި ކެރަލާގެ ރިސޯޓެއް ހިންގާ ވެރިއަކު، ޕެރިއާރް ކޯރަށް ގެނބިގެން މަރުވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ތިން ވަނަ އަހަރުގެ ސަންސްކްރިތު ދަރިވަރުން ކަމަށްވާ އަނުބަވް ޗަންދްރާއާއި އަދިތުޔަ ޕަޓޭލް އަދި ފުރަތަމަ އަހަރުގެ ކެމިސްޓްރީ ދަރިވަރު ކެނެތު ޖޯންއާއި ކެރެލާގެ އަމިއްލަ ރިސޯޓެއްގެ ވެރިއެއް ކަމަށްވާ ބެނީ ގެނބިގެން މަރުވެފައިވަނީ ފަތުރުވެރިންގެ މަންޒިލެއް ކަމަށްވާ ޕަނިޔޭލީ ޕޮރުގައި އިންޑިއާގެ ގަޑިން ގާތްގަނޑަށް 18:30 ގައެވެ.

އެމީހުންގެ ހަށިގަނޑުތައް ފެނިގެން ވަނީ ޕެރަމްބަވޫރްގެ ތަލުކް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ޗަންދްރާއަކީ ބިހާރްއަށް އުފަން ދަރިވަރަކު ކަމަށްވާއިރު، ޕަޓޭލްއަކީ އުއްތަރް ޕްރަދޭޝްގެ ރައްޔިތެއް ކަމަށް ފުލުހުން ބުނެއެވެ. އަދި ކެނެތު ޖޯންއަކީ ކެރަލާގެ ވެޔަނަދްގައި ދިރިއުޅެމުން އަންނަ ދަރިވަރެކެވެ.

ދިއްލީގައި ސެއިންޓް ސްޓީފެން ކޮލެޖުގެ ޕްރިންސިޕަލް ޖޯން ވަރްގީސް ވަނީ އެޚަބަރު ޔަޤީންކޮށް ދެއްވާފައެވެ. އަދި އެހާދިސާގެ އިތުރު ތަފްސީލް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

ފުލުހުން ބުނާ ގޮތުގައި އެދަރިވަރުން ކެރަލާއަށް އައިސްފައިވަނީ 11 ދަރިވަރުންނާއި 2 ވޯޑެންގެ ގްރޫޕެއް ހަދައިގެން، ކެރަލާގެ މަޝްހޫރު ފަތުރުވެރިންގެ މަންޒިލްތަކަށް ޒިޔާރަތް ކުރުމަށްޓަކައެވެ.

ފުލުހުން ބުނާގޮތުގައި އެހާދިސާ ހިނގާފައިވަނީ ކޯރުގައި ވަރަށް ނުރައްކާތެރި، ކައްސާ ވައްތަރުގެ ގާތައް ހުންނަ ހިސާބެއް ކަމަށްވާ ޕަނިޔޭލީ ޕޮރުގައިއެވެ.

އެހާ ފުން ނުވިނަމަވެސް، ނުރައްކާތެރި އޮއިވަރުގެ ސަބަބުން އެތަނަކީ ފަތުރުވެރިންގެ ފުރާނައަށް ނުރައްކާ ކުރުމަށް މަޝްހޫރު ތަނެއް ކަމަށްވެސް ފުލުހުން ބުނެއެވެ.