އަފްޣާނިސްތާނުގެ ކަންދަހާރް އެއާޕޯޓްގެ ފަސް އަންހެން ސެކިއުރިޓީ މުވައްޒަފުންގެ ގަޔަށް ކޮންބައެއްކަން ނޭނގޭ ގްރޫޕަކުން ބަޑިޖަހާ މަރާލައިފިކަމަށް އޮފިޝަލުން ބުނެފިއެވެ.
އެފަސް އަންހެން މުވައްޒަފުން ހޮނިހިރު ދުވަހު ހެނދުނު އެއާޕޯޓަށް ދިޔަ މަގުމަތީގައި، ސައިކަލަކުން އައި ދެ މީހުން އެމުވައްޒަފުން ތިބި މިނީވޭނަށް ބަޑިޖަހަން ފެށިކަމަށް ކަންޑަހާރްގެ ގަވަރުނަރުގެ ތަރުޖަމާނު ސަމީމް އަޚަލްވަކް ވިދާޅުވިއެވެ.
އެފަސް އަންހެނުންނާއި އެމީހުންގެ ޑްރައިވަރުވެސް މިހާދިސާގައި ވަނީ މަރުވެފައެވެ.
އެއަންހެން ސެކިއުރިޓީ ސްޓާފުންނަކީ ކަންޑަހާރް އެއާޕޯޓުން ދަތުރުކުރާ އަންހެން ދަތުރުވެރިން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރާ މީހުންނެވެ.
