އޮކްޓޯބަރު މަހުގައި ޖޫހޫގެ ފަސް ތަރީގެ ހޮޓަލެއްގައި ރޯކާ ރަސްމިއްޔާތު (ކައިވެނިކުރާ ދެމީހުންގެ އާއިލާ އެކަކު އަނެކަކާއި ފުރަތަމަ ފަހަރަށް ބައްދަލުވެ ހަދިޔާ ބަދިޔާ ބަދަލުކުރުން) ބޭއްވުމަށްފަހު، ނީލް ނިތިން މުކޭޝްއާއި އޭނާގެ ލޯބިވެރިޔާ ރުކް މިނީ ސަހޭ ކައިވެނި ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ.
'ޕްރޭން ރަތަން ދަން ޕާޔޯ'ގައި ހަރަކާތްތެރި ނީލް ނިތިން މުކޭޝްގެ ޘަޤާފީ ކައިވެނި އޮންނާނީ އުދެއިޕޫރްގައެވެ. އަދި އެންގޭޖްމެންޓްއާއިއެކު ކައިވެނީގެ ހަރަކާތްތައް ރަސްމީ ގޮތުން ފެށިގެންދާނީ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ.
ނީލް ނިތިން މުކޭޝްގެ މައިންބަފައިން ބޭނުންވީ ބޮޑު އިންޑިއަން ވެޑިންގްއެއް ބާއްވަން ކަމަށާއި، އެހެންނަމަވެސް އޭނާ ބޭނުންވީ ވަރަށް ޕްރައިވެޓް އާއިލީ ކަމަކަށް ކައިވެނި ހެދުމަށް ކަމަށާއި، އުދެއިޕޫރްގައި ކައިވެނީގެ ހަފްލާ ބާއްވަން ނިންމީވެސް އެހެންވެ ކަމަށް އޭނާ ބުނެއެވެ. އުދެއިޕޫރްގައި އޭނާގެ ހަޔާތުގެ ބޮޑު ދުވަހަށް އާއިލާގެ އެންމެންނަށް ބައިވެރިވެވޭނެ ކަމަށާއި، އެއީ ތިން ދުވަހުގެ ތެރޭގައި ރުކްމިނީއަށްވެސް ނީލްގެ އާއިލާއާއި ބައްދަލު ކޮށްލުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށްވެސް އޭނާ ބުނެއެވެ.
ނީލް ބުނާގޮތުގައި ކައިވެނީގެ ހަފްލާގައި އެމީހުން ލާނެ ހެދުން ހޯދުމަށްޓަކައި އޭނާގެ ޑިޒައިނާ ރަހުމަތްތެރިން އަންނަނީ އެހީވަމުންނެވެ.
ނީލްގެ ބައްޕަ، ލަވަކިޔުންތެރިޔާ ނިތިންއާއި ބޭބެ ނަމަންދަނީ ކައިވެނީގެ އެހެނިހެން ކަންތައްތައް ބަލަހައްޓަމުންނެވެ. އެގޮތުން ކައިވެނީގެ ތައްޔާރީތައް ބެލެހެއްޓުމަށްޓަކައި ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އެމީހުން އުޅޭނީ އުދެއިޕޫރްގައެވެ. ފެބްރުއަރީ 8 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ "މެހެނދީ" (ހީނާފަތް) ހަފްލާގައި ވަރަށް ގިނަ ގޭމްތަކާއި ރާޖަސްތާނީ ފޯލްކް ޕާފޯމެންސްތައް ހިމެނޭނެ ކަމަށް ނީލް ބުނެއެވެ. އަދި އެއަށްފަހު އޮންނާނީ ސަންގީތު (ލަވަޔާއި ނެށުން) ރަސްމިއްޔާތު ކަމަށާއި، އެރަސްމިއްޔާތުގައި ނީލްގެ ބައްޕަ އޭނާގެ މަޝްހޫރު ބައެއް ލަވަތައްވެސް ކިޔާނެއެވެ.
ނީލް ބުނާގޮތުގައި ރުކްމިނީ އަށްޓަކައި އޭނާ ވަނީ ކޮންމެވެސް ކަމެއް ރާވާފައި ކަމަށާއި، އެއީ ސަޕްރައިޒްއެއް ގޮތުގައި ބާއްވަން ބޭނުންވާ ކަމަށެވެ.
އުމުރުން 34 އަހަރުގެ ނީލް ކައިވެނީގެ ހަފްލާއަށް ދާނީ އަސްގާޑިޔާއެއްގައެވެ. އަދި ރުކްމިނީ ދާނީ 'ޑޯލީ' އެއްގައެވެ. ކައިވެންޏަށް ޚާއްސަކޮށް ދެކުނު އިންޑިއާއިން ޣާޒީން ގެނެވޭނެއެވެ. ނީލް ބުނާގޮތުގައި ކައިވެންޏަށްފަހު ބޮޑު އާއިލީ ކެއުމެއް ބޭއްވޭނެއެވެ. އެކެއުން ތައްޔާރު ކުރާނީ ދިއްލީ، ކޮލްކަތާ އަދި ޗެންނާއިއަށް ނިސްބަތްވާ ޝެފުންނެވެ.
މާދުރް ބަންޑާރްކަރްގެ ދިލްމް "އިންދޫ ސަރްކާރް"ގެ ޝޫޓިންގް ނީލް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގައެވެ. އެފިލްމުގެ ޝޫޓިންގް ނިމޭނީ ޖެނުއަރީ މަހުގެ ފަހުކޮޅުއެވެ. އަދި ކައިވެންޏަށްފަހު އޭނާ ރުކްމިނީއާއިއެކު ހަނީމޫނަށް ނުދާނެއެވެ. އެއީ ކައިވެނި ނިންމާލުމަށްފަހު، ސުޖީތު ރެޑީގެ ފިލްމަށްޓަކައި ނީލް ޝޫޓިންގް ފަށަން ޖެހޭތީއެވެ. "އެކުގައި ވަގުތު ހޭދަކުރުމަށްޓަކައި ރުކްމިނީ ގޮވައިގެން ދެވޭނެކަމަށް އަޅުގަނޑު އުންމީދުކުރަން"، ނީލް ބުންޏެވެ.
ނީލްގެ އާއިލާއިން މުމްބާއީގައި ޖޫހޫ ފަސް ތަރީގެ ހޮޓަލެއްގައި ވަރަށް ބޮޑު ހަފްލާއެއް ފެބްރުއަރީ 17 ގައި ބާއްވާނެއެވެ. އެހަފްލާގައި ފިލްމް އިންޑަސްޓްރީގެ ފަންނާނުންގެ ތެރެއިން އެއާއިލާގެ ރައްޓެހިން ބައިވެރި ވާނެއެވެ.