އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަދި ކްރިސްޓަލް ޕެލެސް ބައްދަލުކުރި މެޗު 0-1 އިން ކާމިޔާބުކޮށް ޖެހިޖެހިގެން 11 މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި 9 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
އެންމެފަހަކަށް ސަންޑަލޭންޑާއި ދެކޮޅަށް ކުޅުނު މެޗުވެސް 0-1 އިން ނިމިފައިވާއިރު މިއަދުގެ މެޗުގައިވެސް ޗެލްސީ ގޯލު ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ.
ހާފު ނިމެން ކުޑި އިރުކޮޅަކަށް ވެފައިވަނިކޮށް ޗެލްސީއަށް މެޗުގެ ލީޑު ނަގާދީފައިވަނީ ޑިއެގޯ ކޮސްޓާއެވެ. 13 ގޯލާއެކު ކޮސްޓާއަކީ ލީގުގެ ޓޮޕް ސްކޯރާވެސްމެއެވެ. ނަމަވެސް މިއަދުގެ މެޗުގައި އޭނާއަށް ދެއްކި ރީނދޫ ކާޑަކާއެކު އަންނަ މެޗަށް އޭނާވަނީ ސަސްޕެންޑުވެފައެވެ.
ޗެލްސީގެ ފަރާތުން ދެވަނަ ހާފުގައިވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ޕެލެސްއިން ފުރަތަމަ ހާފާ ހިލާފަށް ޑިފެންސިވް ގޭމަކަށް ދެވަނަ ހާފު ބަދަލުކޮށް އިތުރު ލަނޑެއް ޗެލްސީއަށް ކާމިޔާބުކުރެވުނަ ނުދީ ހިފަހައްޓާފައިވެއެވެ.
މިރޭގެ މޮޅާއެކު ޗެލްސީއަށް 43 ޕޮއިންޓު ލިބިފައިވާއިރު ދެވަނައިގައި އޮތް ލިވަޕޫލްއަށް އެއް މެޗު މަދުން ކުޅެ ލިބިފައިވަނީ 34 ޕޮއިންޓެވެ. ކުރިއަށް އޮތް މޭރެސައިޑް ޑާބީގައި އެވަޓަންގެ މައްޗަށް ލިވަޕޫލަށް ކުރި ހޯދިއްޖެނަމަ ލީޑު 6 ޕޮއިންޓަށް ކުޑަ ކުރެވޭނެއެވެ.