ގައުމީ އެއާލައިން މޯލްޑިވިއަންއިން އިތުރު މަތިންދާ ބޯޓެއް ގެނެސް ކުންފުނީގެ މަތިންދާ ބޯޓުގެ ފްލީޓްގެ އަދަދު 21 އަށް އިތުރުކޮށްފިއެވެ.
މޯލްޑިވިއަންއިން މިފަހަރުވެސް ރާއްޖެ ގެނެސްފައިވަނީ ޑޭޝް މަރުކާގެ ބޯޓެކެވެ. 50 މީހުންގެ ޖާގައިގެ މި ބޯޓު ނިއުޒިލޭންޑްިން ފުރައިގެން އައިސް މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސުމާއި އެކު ވޯޓާ ސެލިއުޓް ދިނުން އޮތެވެ.
މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އަބްދުލް ހާރިސް އާއި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އިތުރުން ބައެއް ސަރުކާރުގެ އިސްވެރިން ބައިވެރިވިއެވެ.
މި ރަސްމިއްޔާތުގައި ހާރިސް ވިދާޅުވީ، ރާއްޖެ އުފެދިފައިވާ ގޮތުން ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރަންޖެހޭ އިރު ހަރަދު ކުޑަ ނިޒާމެއް ގާއިމް ވެފައި އޮތުން މުހިއްމު ކަމަށެވެ، އަދި އައިލެންޑް އޭވިއޭޝަނުން މަސައްކަތް ކުރަމުންދަނީ އެނިޒާމް ގާއިމް ކުރުމަށެވެ.
މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ރާއްޖޭގެ އޭވިއޭޝަން ދާއިރާ މިސަރުކާރު އައި ފަހުން ކުރިއަރައިގެން އަންނަ ކަމަށެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީން ސަރުކާރާއި ހަވާލުވިއިރު މޯލްޑިވިއަންގައި އޮތީ އެންމެ 6 މަތިންދާ ބޯޓު ކަމަށާއި ނަމަވެސް މިހާރު އެއެއާލައިން 21 މަތިންދާ ބޯޓަށް އިތުރު ކުރެވިފައިވާ ކަމަށެވެ.
އިއްޔެ އަލަށް ގެނައި ޑޭޝް މަރުކާގެ މަތިންދާ ބޯޓާއި އެކު ޖުމްލަ 9 ޑޭޝް މަތިންދާ ބޯޓު މޯލްޑިވިންއިން ބޭނުން ކުރަމުންދެއެވެ.