Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ޒިކާ އަށް މުޅި ރާއްޖެ ސްކްރީން ކުރަނީ

މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ޒިކާ ވައިރަސް ދެ ދިވެހިން ގައިން ފެނުމާއި ގުޅިގެން ބަލީގެ ވައިރަސް ރާއްޖެ ތެރޭގައި އުޅޭތޯ ބެލުމުގެ ޓެސްޓްތައް ހެދުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނިންމައިފިއެވެ.

އެޗްޕީއޭގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ރާއްޖެއިން ފެނުނު ދެމީހުންގެ ސާމްޕަލް ރާއްޖޭން ބޭރަށް ފޮނުވައި ޓެސްޓް ހައްދާފައިވާ ކަމަށެވެ. އެހެންވެ އަތޮޅު ތެރޭގައި ވައިރަސް އުޅޭތޯ ބެލުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ސާމްޕަލް ގެނެސް ޓެސްޓް ކުރެވޭނެ އިންތިޒާމް އަންނަ ޖަނުއަރީ މަހު ހަމަޖެހިގެންދާނެ ކަމަށެވެ.

ދެކުނު އެމެރިކާގެ ގައުމުތަކުގައި ވަރަށް ބާރަށް ފެތުރު ޒިކާ ވައިރަސް ހުރި 3 މީހަކު ރާއްޖެއިން ފެނިފައިވެއެވެ. އެ ތިން މީހުންނަކީވެސް ރާއްޖޭގައި އުޅެފައި ދިޔަ ބިދޭސީންނެވެ.

ޑެންގޫ އަދި ޗިކުންގުންޔާ ފަދަ ބަލިތައް ފަތުރާ އީޑީޒް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޒިކާ ވައިރަހަކީ ދުނިޔޭގެ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ނޫންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ، މިދިޔަ މަހުގެ ތެރޭގައި ކަނޑައަޅާފައެވެ.

މިބަލީގެ ނުރައްކާ އެންމެ ބޮޑީ މާބަޑު މީހުންނަށެވެ. ބަލީގެ ވައިރަސް މާބަޑު މީހެއްގެ ހަށިގަނޑުތެރެއަށް ގޮސްފިނަމަ ބަނޑުގައި އޮންނަ ދަރިފުޅަށް މައިކްރޯސެފަލީ ކިޔާ ކޮންޑިޝަނެއް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ން ބުނެފައިވެއެވެ. މައިކްރޯސެފަލީ އަކީ ތުއްތުކުއްޖާގެ ސިކުނޑިއާއި ބޮލުގެ ނާށިގަނޑު ރަނގަޅަށް އާލާނުވެ އުފަންވުމަށް ކިޔާ ނަމެކެވެ.