އައްޑޫ ސިޓީގެ ރައްޔިތުންނަށް އަމާޒުކޮށް އައްޑޫ ސީޓީ ކައުންސިލް އިން ތައާރަފްކުރި އައްޑޫ ސިޓީ އެވޯޑް 2016ގެ ސުންގަޑި ހަމަވިއިރު ޖުމުލަ 191 ފަރާތްތަކުން އެކި ދާއިރާއިން ފޯމު ހުށައަޅާފައިވާކަމަށް ކައުންސިލުން ހާމަކޮށްފިއެވެ.
ކައުންސިލްއިން ކުރި ޓްވީޓެއްގައި މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް މިއެވޯޑަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވިފައިވާއިރު 191 ފަރާތަކުން ސުންގަޑީގެ ކުރިން އެއިދާރާއަށް ފޯމު ހުށައަޅާފައިވެއެވެ.
މިމަހުގެ އެއްވަނަ ދުވަހަށް ސުންގަޑި ހަމަވާގޮތަށް ކައުންސިލުން ހަމަޖެއްސި ނަމަވެސް ފަހުން އެ މުއްދަތު ވަނީ 15 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައެވެ.
ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުން މިއެވޯޑަށް ގިނަ ބަޔަކުގެ ތާއީދާއި އެއްބާރުލުން ވަނީ މިހާތަނަށް ލިބިފައެވެ. އެވޯޑާ ބެހޭ އާންމު ގަވައިދުގައި ބުނެފައި ވަނީ އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅާނީ ކައުންސިލް އިދާރާ އިން އައްޔަން ކުރާ ފަނޑިޔާރުންގެ ކޮމިޓީއަކުންނެވެ.
މިއީ އައްޑޫ ސިޓީގައި އެކި ދާއިރާތަކުން އައްޑޫއަށް ރީތި ނަން ހޯދައިދީ، ކޮށްފައިވާ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކޮންމެ ތިން އަހަރުން އެއް އަހަރު ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ.