އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އެޕާޓީގެ ނައިބު ރައީސް ހޮވުމުގެ އިންތިޚާބު ބޭއްވުމަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށައެޅި މައްސަލަ ބަލައިނުގަނެ ކޯޓުން ބޭރުކޮށްލައިފިއެވެ.
ސިވިލް ކޯޓުން މައްސަލަ ބަލައިނުގަނެ ކުރި ހުކުމުގައި އަލްހާން ފަހުމީއަކީ އެމްޑީޕީގެ މެމްބަރެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީއާއި ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުގެ ބަހުން އެނގިފައިވާތީ މިމައްސަލައިގައި ދައުވާ ކުރުމުގެ އިޖާބީ ހައިސިއްޔަތު އަލްހާންގެ ކިބައިން ގެއްލިފައިވާތީ މައްސަލަ ބެލެން ނެތް ކަމަށް ބުނެފައިވެއެވެ.
އެމްޑީޕީއާއި ދެކޮޅަށް އަލްހާން ހުށައެޅި މައްސަލާގައި ވަނީ ޕާޓީގެ ރައީސާއި ނައިބު ރައީސްގެ ދައުރު ހަމަވެފައިވާއިރު އިންތިޚާބެއް ނުބާއްވައި އޮތުމުން އެދެމަގާމަށް މީހަކު އައްޔަން ކުރުމަށް ކޯޓުން އަމުރުކޮށްދިނުމަށެވެ.
އެމްޑީޕީ އިން މިމައްސަލައިގައި ނެގި އިޖުރާއީ ނުކުތާގައި އަލްހާނަކީ ޕާޓީގެ މެމްބަރެއް ނޫން ކަމަށާއި އެހެންކަމުން އެމްޑީޕީގެ މެމްބަރުންނަށް ލިބިދޭ ހައްގެއް އަލްހާން އަކަށް ލިބިގެން ނުވާކަމަށް ފާހަގަކޮށްފައިވެއެވެ.
ޕާޓީގެ މެމްބަރުކަމުން އަލްހާން ވަކިކޮށްފައިވަނީ ޕާޓީއަށް ގެއްލުންވާ ގޮތަށް އޭނާގެ އަމަލުތައް ހުރުމުންނާއި ޕާޓީގެ މަސްލަހަތު ނަގައި ޕާޓީގެ މެމްބަރުންގެ މެދުގައި ޕާޓީއާމެދު ނަފްތަރު އުފެއްދުމަށް މަސައްކަތް ކުރާކަމަށް ބުނެ ގައުމީ މަޖިލީހުގެ 50 މެމްބަރަކު ސޮއިކޮށް މައްސަލަ ހުށައެޅުމުންނެވެ.