Last Updated: June 12, 02:23
Friday, June 12, 2026
ސިޔާސީ

"މެދު ދެކުނުގެ ވައުދުގެ ދަތުރު" މި މަހުގެ 10 ގައި

ރައްޔިތުންގެ ތަނަވަސްކަމާއި ރާއްޖޭގެ ތަރައްޤީއަށްޓަކައި އެމްޑީޕީ އެކުލަވާލި ތަރައްޤީގެ ތަޞައްވުރުތަކާ ރައްޔިތުންނަށް ވީ ވަޢުދުތައް ރައްޔިތުން ބަލައިގަތް މިންވަރު ދެނެގަނެ ގަތުމަށް ކަނޑާއި ވަޔާއި އެއްގަމު ދަތުރުގެ ގުޅިފައިވާ ވަޞީލަތްތައް ބޭނުންކޮށްގެން ދިވެހި އެމްޑީޕީން ތ. އަތޮޅަށާއި ލ. އަތޮޅަށް ކުރާ "މެދު ދެކުނުގެ ވަޢުދުގެ ދަތުރު" މި މަހުގެ 10 ވަނަ ދުވަހު ފަށާ ގޮތަށް އެ ޕާޓީން ނިންމައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދާއި ޕާޓީގެ ލީޑާޝިޕާއި އެހެނިހެން ގުނަންތަކުން ބައިވެރިވެވަޑައިގަންނަވާ މި ދަތުރަކީ ތަފާތު ރެލީތަކާ ޚާއްސަ ޖަލްސާތަކާ މައުލޫމާތުގެ ސެޝަންތަކާ އަދި އެހެނިހެން އިޖުތިމާޢީ ހަރަކާތްތަކާ ހުރިހާ ރައްޔިތުންނަށް ސީދާ ގޮތުގައި ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ އިޖްތިމާޢީ ޢީދެއް ކަމަށް އެމްޑީޕީން ބުނެ އެވެ.

ރައްޔިތުންގެ ވިންދާއި އިޙުސާސްތައް ދެނެގަތުމަށް އެމްޑީޕީން ވަނީ މީގެ ކުރިން އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ ހުރިހާ ރަށަކަށާއި ބޮޑު ތިލަދުންމަތީގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފައެވެ.

އަދި ވަޢުދުގެ ހިނގުމުގެ ނަމުގައި މާލޭގެ ބައެއް ދާއިރާތަކުގައި ވެސް ޑޯޓުޑޯ ކެމްޕެއިނެއް އެމްޑީޕީން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ދަތުރުތަކުގައި އެއްކުރެވޭ މަޢުލޫމާތު މެނިފެސްޓޯ އެކުލަވާލާ އިރު ބޭނުން ކުރެވޭނޭ ކަމަށްވެސް ޕާޓީން ބުނެ އެވެ.

މި ދަތުރުގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރުމުގެ ކަންތައް މިހާރު އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ކުރިއަށްދާ ކަމަށް އެ ޕާޓީން ބުންޏެވެ. ދަތުރުގައި ބައިވެރިވުމުގެ ފީއަކީ 500ރ. އެވެ.