އިންޑިއާގެ ޚާރިޖީ ވަޒީރް ސުޝްމާ ސްވަރާޖް ކިޑްނީ ޓްރާންސްޕްލާންޓަކަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެ ވެ.
ސްވަރާޖް ހޯމަ ދުވަހު ޓްވީޓް ކޮށްފައިވާ ގޮތުން އޭނާ ވަނީ ގޭގައި ކަމަށާއި، ކޮންމެހެން ބަލަންޖެހޭ ޑޮކިއުމެންޓްތަކެއް ބަލަމުންދާ ކަމަށާއި، އެހެންނަމަވެސް އެއްވެސް ބަޔަކު އޭނާއަށް ޒިޔާރަތް ކުރުން ވަނީ މަނާ ކުރެވިފައި ކަމަށެވެ.
64 އަހަރުގެ އިންޑިއާގެ މިނިސްޓަރަކީ ދާއިމީ ހަކުރު ބަލީގެ މާޒީއެއް އޮންނަ ބޭކަނބަލެކެވެ. އަދި މިދިޔަ މަހު ސްވަރާޖް ވަނީ ދިއްލީގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފައެވެ.
ބޮޑު ވަޒީރު ނަރޭންދްރަ މޯދީގެ ކެބިނެޓްގައި ހިމެނޭ މިނިސްޓަރުންގެ ތެރެއިން ސުޝްމާ ސްވަރާޖަކީ އެންމެ މަޤްބޫލް އެއް މިނިސްޓަރެވެ.
ދިއްލީގައި ސްވަރާޖް އެޑްމިޓް ކުރެވުނު ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައިވާ ގޮތުން 10 ޑިސެމްބަރުގައި ސުޝްމާ ސްވަރާޖް ވަނީ ކިޑްނީ ޓްރާންސްޕްލާންޓެއް ހަދާފައި ކަމަށާއި، އަވަސް ރިކަވަރީއެއް ދައްކާފައިވާ ކަމަށެވެ.
ޓްރާންސްޕްލާންޓެއް ހެއްދުމަށްޓަކައި ޓެސްޓްތަކެއް ހަދަމުންދާ ކަމަށް ބުނެ ސްވަރާޖް ޓްވީޓް ކުރުމުން އިންޑިއާގެ ވަރަށް ގިނަ ރައްޔިތުންނެއް ވަނީ އޭނާއަށް އެމީހުންގެ ކިޑްނީ ހަދިޔާ ކުރުމަށް ހުށައަޅާފައެވެ.
ސުޝްމާ ސްވަރާޖަކީ ބޭރު ޤައުމްތަކުގައި ދިރިއުޅޭ ނުވަތަ ބޭރު ޤައުމްތަކަށް ޒިޔާރަތްކުރާ އިންޑިއާގެ ރައްޔިތުން އެހީއަށް އެދުމުން، ވަރަށް އަވަހަށް އެހީ ފޯރުކޮށް ދިނުމަށް މަޝްހޫރު މީހެކެވެ.
މިދިޔަ މަހު އިންޑިއާގައި ކައިވެނި ކުރުމަށް ބޭނުންވި ޕާކިސްތާނުގެ އަންހެނަކަށް ވިސާ ނުލިބުމުން، ސުޝްމާ ސްވަރާޖް ވަނީ އެއަންހެން މީހާއަށް ވިސާ ހޯދުމުގައިވެސް އެހީތެރިވެދީފައެވެ.