Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ރަޝިޔާ ސަފީރުގެ މަރު ސަރުކާރުން ކުށްވެރިކޮށްފި

ރަޝިޔާ އިން ތުރުކީއަށް ކަނޑައަޅާފައި ހުންނެވި ސަފީރު އަންދްރޭ ކާލޯވް އަނިޔާވެރި ގޮތަކަށް ބަޑި ޖަހައި މަރާލި ހާދިސާ ފޮރިން މިނިސްޓްރީއިން ކުށްވެރިކޮށްފިއެވެ.

އިއްޔެ ތުރުކީގެ މައުރަޒެއްގައި ކާލޯވްގެ ވާހަކަދައްކަވަނިކޮށް ފުރަގަހުން އޭނާގެ ގަޔަށް ބަޑި ޖަހައި މަރާލި ހާދިސާއާ ގުޅިގެން އޭނާގެ އާއިލާއަށް ދިވެހި ސަރުކާރުން ވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކޮށް ތައުޒިޔާ ފޮނުވާފައެވެ.

އަނިޔާވެރި ގޮތަކަށް ކާލޯވް މަރާލާފައިވަނީ އޭނާގެ ހިމާޔަތުގައި މައުރަޒަށް ގޮސް ހުރި ތުރުކީ ފުލުހެކެވެ. އޭނާ ވަނީ މި އަނިޔާވެރި ހަމަލާއަށް ފަހު އެކަން ކޮށްފައިވަނީ ސީރިޔާގައި މަރާލަމުންދާ މުސްލިމް އަޚުންގެ ހައްގުގައި ކަމަށް ބުނެ އަޑު އުފުލާފައެވެ.

ނަމަވެސް ތުރުކީ ފުލުހުންނާއި އޭނާއާ ދެމެދު ކުރިއަށްދިޔަ ކުރިމަތިލުންތަކުގައި އޭނާ ވަނީ މަރާލެވިފައެވެ. ކާލޯވްގެ މަރާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އޭނާގެ އާއިލާ އަށް ރަޝިޔާއަށް ތައުޒިޔާގެ މެސެޖުތައް ދަނީ ރައްދު ކުރަމުންނެވެ.