އިންޑިއާގައި އެޕަލްގެ ޕްރޮޑަކްޓްތައް އުފެއްދުމަށްޓަކައި އެޕަލް އިންކްއިން އިންޑިއާގެ ސަރުކާރާއި މަޝްވަރާ ކުރަމުންދާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ވަނީ އަންގާރަ ދުވަހު ރިޕޯޓް ކޮށްފައެވެ. އެމެރިކާގެ ޓެކްނޮލޮޖީ ފާމް ކަމަށްވާ އެޕަލްއިން ދަނީ ދުނިޔޭގެ ދެވަނަ އެންމެ ބޮޑު މޮބައިލް ފޯންގް މާކެޓްގައި އެކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ބޮޑު ވަޒީރު ނަރޭންދްރަ މޯދީ ދަނީ އިންޑިއާގައި ޓެކްނޮލޮޖީ މެނުފެކްޗާ ކުރުން އިތުރަށް ކުރިއެރުވުމަށްޓަކައި އޭނާގެ އަމިއްލަ އިސްނެގުމެއް ކަމަށްވާ "މޭކް އިން އިންޑިއާ" މެދުވެރިކޮށް މަސައްކަތް ކުރަމުންނެވެ. އޭނާގެ ސަރުކާރުން ވަނީ ބޭރު ކުންފުނިތަކުން އިންޑިއާގައި ވިއްކާ ޕްރޮޑަކްޓްތަކުގެ 30 އިންސައްތަ އިންޑިއާގައި އުފެއްދުމަށް ލާޒިމްކުރާ ޤާނޫނަކުން ތިން އަހަރުގެ މުއްދަތަކަށް އެމީހުން ބަރިއްޔަ ކޮށްފައެވެ.
ޖާނަލް އިން ރިޕޯޓްކުރާ ގޮތުގައި އެޕަލްއިން ފެޑެރަލް ސަރުކާރަށް ނޮވެމްބަރު މަހުގައި ފޮނުވި ސިޓީއެއްގައި އެކުންފުނިން މުދާތައް މެނުފެކްޗާ ކުރުމަށް ރާވާފައިވާ ގޮތްތައް ބަޔާންކޮށް އަދި މާލީ އިންވެސްޓްމެންޓްތަކަށް އެދިފައިވައި ވާކަމަށެވެ.
މިކަމާއި ބެހޭގޮތުން ސަރުކާރުގެ ތަރުޖަމާނުންގެ ބަހެއް ލިބިފައި ނުވާއިރު، އެޕަލްއިން އިންޑިއާއަށް ކަނޑައަޅާފައިވާ ތަރުޖަމާނަށް ރޮއިޓާސްއިން ފޮނުވި އީމެއިލްއަށް ވަނީ ޖަވާބެއް ނުލިބިފައެވެ.
އިންޑިއާގެ ސްމާޓްފޯން ވިޔަފާރީގެ 2% އަކީ އެޕަލް އައިފޯންއެވެ. އަދި ލޯކަލް މެނުފެކްޗަރިންގެ ސަބަބުން އިންޑިއާގައި ރީޓެއިލް ފިހާރަތައް ހުޅުވުމަށް އެޕަލްއަށް މަގުފަހިވެގެން ދާނެއެވެ.
އައިފޯންއާއި އައިޕެޑްފަދަ އެޕަލްގެ ޕްރޮޑަކްޓްތައް ހަދާ ޓައިވާންގެ ހޮން ހައި ޕްރިސިޝަން އިންޑަސްޓްރީ (ފޮކްސްކޮން)ގެ މެނުފެކްޗަރިން ފެސިލިޓީއެއް ދެކުނު އިންޑިއާގައި ހުރެއެވެ.