މަސްތުވާތަކެތީގެ ބާރުގަދަ ބާވަތެއް ކަމަށްވާ ލިސަޖިކް އެސިޑް ޑިތުލަމައިޑް (އެލްއެސްޑީ) ގެ ފޭކް އުފެއްދުމަށް ރާއްޖޭގައި ވިއްކަމުންދާ ކަމަށާއި އެ ޑްރަގް ބޭނުން ކުރުމުން ހިތް ހުއްޓެން މެދުވެރިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ސީޕީ ރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެލްއެސްޑީ ޑްރަގަކީ ވަރަށް ނުރައްކާތެރި ބާވަތެއް ކަމަށެވެ. އަދި އެ ބޭނުން ކުރުމުން އެ މީހެއްގެ ހިތް ހުއްޓެން މެދުވެރިވާ އިރު އެ ބާވަތުގެ މަސްތުވާތަކެތި ރާއްޖޭގައި ދައުރު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބާވަތުގެ ޑްރަގް ސަޕްލައި ކުރަމުން ދާކަމުގެ މައުލޫމާތު ލިބި ބައެއް މީހުން އެ ބޭނުން ކުރަމުންދާ ކަމަށެވެ.
ނުރައްކާތެރި މަސްތުވާތަކެތީގެ ބާވަތެއް ރާއްޖޭގައި މިހާރު ސަޕްލައި ކުރަމުންދާ ކަމަށް ކޮމިޝަނާ ރިޔާޒް ވިދާޅުވެފައިވާ އިރު ރޭ ދަންވަރު ވަނީ 21 އަހަރުގެ ޒުވާނަކު އަޑު ޕާކްތެރޭގައި މަރުވެފައިއޮށްވައި ފެނިފަ އެވެ. އަދި އިއްޔެ ފަތިހުގެ ވަގުތެއްގައި ވަނީ ހުޅުމާލޭ މަގުމަތީގައި ވެސް 19 އަހަރުގެ ޒުވާނަކު މަރުވެފައި އޮއްވައި ވަނީ ފެނިފަ އެވެ.