ޕާކިސްތާނުގެ ސިނެމާތައް ހިންގާ ވެރިންނަށް ދެމަސް ދުވަހުގެ ތެރޭގައި 150 ކްރޯޑް ރުޕީސްގެ ގެއްލުން ވެއްޖެއެވެ.
އެއީ ސިނެމާ ހިންގާ މީހުން އަމިއްލައަށް ހެދި ޤަވާއިދެއްގެ ދަށުން އިންޑިއާގެ ފިލްމްތައް ޕާކިސްތާނުގައި އެޅުވުން މަނާކުރުމުގެ ސަބަބުންނެވެ. އެކަން މަނާކޮށްފައިވަނީ ޕާކިސްތާނާއި އިންޑިއާއާއި ދެމެދު ހަމަނުޖެހުންތައް އުފެދުމުގެ ސަބަބުންނެވެ.
ޕާކިސްތާނުން އިންޑިއާގެ ފިލްމްތައް ސްކްރީން ކުރުން މަނާކޮށްފައި ވާއިރު، އިންޑިއާއިން ވަނީ ޕާކިސްތާނުގެ ފަންނާނުން އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރުން މަނާކޮށްފައެވެ.
އެހެންނަމަވެސް، ފިލްމްތައް އެޅުވުން މަނާކުރުމުގެ ސަބަބުން ލިބުނު ގެއްލުންތަކާއި ގުޅިގެން، ޕާކިސްތާނުގެ ސިނެމާތަކުގައި އާމިރް ޚާންގެ އެންމެ ފަހުގެ ފިލްމް "ޑަންގަލް" އެޅުވުމަށް ވަނީ ނިންމާފައެވެ. އެގޮތަށް ޕާކިސްތާނުން ޢަމަލު ކުރުމަށް ނިންމުމީ، އިންޑިއާއިން ވެސް ޕާކިސްތާނުގެ ފަންނާނުން މަސައްކަތް ކުރުން މަނާކުރި ކުރުން އުވާލާނެތޯ ނުވަތަ ނޫންތޯއާއި މެދު ސުވާލު އުފައްދައިދޭ ކަމެކެވެ.
ޕާކިސްތާނުގެ ނިންމުމަށް ބޮލީވުޑްއިން ސަޕޯޓްކުރި ނަމަވެސް، "ޑަންގަލް"ގެ ޑިސްޓްރިބިއުޓަރުން ވަނީ އެފިލްމް ޕާކިސްތާނުގައި ރިލީޒް ނުކުރުމަށް ކަނޑައަޅާފައެވެ.
ޑިސްޓްރިބިއުޓަރުންގެ ތަރުޖަމާނަކު ނެރެފައިވާ ބަޔާނެއްގައި ވަނީ "ޑަންގަލް" ޕާކިސްތާނުގައި ރިލީޒް ނުކުރާނެކަން ޔަޤީން ކޮށްދީފައެވެ.