Last Updated: July 1, 06:04
Wednesday, July 1, 2026
މުނިފޫހިފިލުވުން

ކަރީނާ އާއި ސައިފަށް ފިރިހެން ކުއްޖެއް

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.

ކަރީނާއާއި ފިރިހެނުން ސައިފް އަލީ ޚާން ނެރުނު ބަޔާނެއްގައިވާ ގޮތުން އެދެމީހުންނަށް ލިބުނު ފުރަތަމަ ދަރިފުޅަށް ދީފައިވާ ނަމަކީ ތައިމޫރް އަލީ ޚާން ޕަޓައުޑީއެވެ.

މީޑިއާގައި 'ސައިފީނާގެ' ނަމުން މަޝްހޫރު ވެފައިވާ މިދެމަފިރިން ފަސް އަހަރު ދުވަސް ވަންދެން ރައްޓެހި ވެގެން އުޅުމަށްފަހު ކައިވެނި ކުރީ 2012 ވަނަ އަހަރު މުމްބާއީގައެވެ.

ސައިފްއަކީ އިންޑިއާގެ ކުރީގެ ކްރިކެޓް ކެޕްޓަން މަންސޫރް އަލީ ޚާން ޕަޓައުދީ އަދި ކުރީގެ އެކްޓްރެސް ޝަރްމިލާ ޓާގޯރްގެ ދަރިއެވެ. އަދި ކަރީނާގެ މައިންބަފައިންނާއި މާމަކާފައިންނަކީ ބޮލީވުޑްގައި ކުރިން ރަސްކަންކުރި އެކްޓަރުންނެވެ.

"އަޅުގަނޑުމެންގެ ފިރިހެން ދަރިފުޅު ތައިމޫރް އަލީ ޚާން ޕަޓައުޑީ 20 ޑިސެމްބަރު 2016 ގައި އުފަންވި އުފާވެރި ޚަބަރު އަޅުގަނޑުމެން ހިއްސާކުރަނީ ވަރަށް އުފަލާއި އެކީގައި"، އެދެމަފިރިން ސޮއިކޮށް އަންގާރަ ދުވަހުގެ ހެނދުނު ނެރުނު ބަޔާނެއްގައި ވެއެވެ.

ފިލްމް އިންޑަސްޓްރީގައި ތިބޭ އެދެމަފިރިންގެ ރަހުމަތްތެރިންނާއި އަދި ފޭނުންވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މަރުހަބާގެ މެސެޖުތައް ފޮނުވާފައެވެ. އެގޮތުން އެންމެ ފުރަތަމަ މަރުހަބާގެ ޓްވީޓެއް ކުރި މީހުންގެ ތެރޭގައި ޑައިރެކްޓަރު ކަރަން ޖޯހަރް ހިމެނެއެވެ.

އުމުރުން 46 އަހަރުގެ ސައިފް އަލީ ޚާން ކުރިން އެކްޓްރެސް އަމްރިތާ ސިންގްއާއި ކުރި ކައިވެންޏަށް ވަނީ ދެކުދިން ލިބިފައެވެ. އެދެކުދިންވެސް ވަނީ މިހާރު ފުރާވަރުގެ އުމުރުގައެވެ.

އެހެންނަމަވެސް، މިއީ 36 އަހަރުގެ ކަރީނާގެ އެންމެ ފުރަތަމަ ކައިވެންޏަށް ލިބުނު އެންމެ ފުރަތަމަ ދަރިފުޅުވެސް މެއެވެ.

ސައިފްވަނީ 40 އަށްވުރެ ގިނަ ފިލްމްގައި އެކްޓްކޮށްފައެވެ. އޭގެތެރޭގައި ވިލިއަމް ޝޭކްސްޕިއާގެ އޮތެއްލޯގެ ބޮލީވުޑް ވާޝަން ކަމަށްވާ 'އޯމްކާރާ' ހިމެނެއެވެ.

އަދި ކަރީނާވަނީ ގާތްގަނޑަކަށް 50 ފިލްމްގައި ހަރާކާތްތެރި ވެފައެވެ. އޭނާއަށްވަނީ 2007 ވަނަ އަހަރުގެ ހިޓް ފިލްމް ކަމަށްވާ "ޖަބް ވީ މެޓް" ގައި އޭނާ ކުޅުނު ރޯލަށް ބެސްޓް އެކްޓްރެސްގެ ފިލްފެއާ އެވޯޑް ލިބިފައެވެ.