Last Updated: March 29, 02:52
Thursday, March 28, 2024
ރިޕޯޓް

މޫސުމަށް އަންނަ ބަދަލުތަކަކީ ބިލާހެއް ނޫން، ހޭލަމާ!

އަހަރު ނިމި އާއަހަރަކަށް ކުރިމަތިލާއިރު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު އާ އަހަރަށް އާ އުއްމީދުތަކެއް ކަނޑައަޅަމުން އެބަގެންދަމުއެވެ.

އެއްބަޔެއްގެ އަޒުމަކަށް ސިނގިރޭޓު ބުއިން ހުއްޓާލުން ކަނޑައަޅާފައިވާއިރު އަނެއް ބަޔަކު ލުއި ނުކުރެވިގެން އުޅޭތާ އަހަރުތަކެއް ވެފައިވާ ބަރުދަންކޮޅު ލުއި ކޮށްލަން ޖިމުތަކުގައި ގުޅެމުން އެބަދެއެވެ. ހައްތަހާވެސް މުހިއްމު ކަންތަކެވެ. ނަމަވެސް ކުޑައިރުކޮޅަކަށް އެހެން ކަމަކާމެދު ވިސްނާލަމާތޯއެވެ؟

ފާއިތުވެދިޔަ ދެ ގަރުނު ތެރޭގައި ހިތަށް ގެންނަން ދަތި މިންވަރަކަށް އިންސާނުންނަށް ދުނިޔެ ސުންނާފަތި ކުރެވިއްޖެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ ދުވަހަކު ޖައްވަށް ބޭރު ކުރެވޭ ހޫނު 400،000 އެޓޮމިކް ބޮމުން ބޭރު ކުރާ ހޫނާ އެއްވަރެވެ. ދުނިޔެ ކިތަންމެ ބޮޑަސް ނިކަމެތި ދުނިޔެއަށްވެސް ހިފަހައްޓާލެވޭނީ ވަކި ވަރަކަށެވެ.

ކޮންމެ ދުވަހަކު ދުނިޔެއަށް ބޭރުވާ ހޫނު މިހާ ބޮޑު މިންވަރެއްގައި ހުރިއިރު ޖައްވު އަންނަނީ ދުވަހެއް ދުވަހަކަށް ހޫނު ވަމުންނެވެ. ދުނިޔޭގެ ދެކޮޅުގައި ހުރި އައިސް ވިރި، ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ކަން ނާސާގެ ސެޓެލައިޓު ފޮޓޯތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމުން އޭގެ ނޭދެވޭ އަސަރު އެންމެ ފުރަތަމަ ކުރަން ފަށާނީ އަޅުގަނޑުމެންގެ ކުޑަކުޑަ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށެވެ.

ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މިންވަރަކީ ކޮންމެ 10 އަހަރަކުން އެއް ފޫޓު ކަމުގައި ސައިންސުވެރިން ކަނޑައަޅާފައިވުމުން ގިނަ ބަޔަކު ވަނީ އެއީ މިވަގުތަށް އެހާ ބޮޑު ކަމެއް ނޫން ކަމުގައި ކަނޑައަޅައި އަޅާ ނުލާ ދޫކޮށްލާފައެވެ. ނަމަވެސް ކަނޑުގެ ލޮނުގަނޑު ހޫނުވެ މުރަކަތަކާއި މަސްތައް މަރުވުމާއި، މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކާއި، އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހުންފަދަ ކަންތައްތަކަކީ މިހާރު ވަމުންދާ ކަންތަކެވެ.

އަދި އޭގެ ނޭދެވޭ އަސަރުވެސް އިންތިހާއަށް މީހުންނަށް ކުރަމުންދާ ކަންތައްތަކެވެ. އިންޑިޔާ، ސްރީ ލަންކާ އަދި ފިލިޕިންސް ފަދަ ގައުމުތަކުގައި ބޮޑެތި ދަނޑުތައް އެއްކޮށް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ އެތައް ބަޔަކުގެ ގެދޮރާއި ފުރާނަ ގެއްލިފައިވާއިރު ބައެއް މީހުންނަށް އެއީވެސް ބޮޑު ކަމަކަށް ވެފައިނުވެއެވެ.

ދުނިޔެ ސަލާމަތް ކުރެވިދާނެތޯ؟
ދުނިޔެ ފަނާކުރުމުގައި އިންސާނުން ބޮޑު ރޯލެއް ކުޅެފައިވާއިރު ދުނިޔެ ސަލާމަތްކުރުމުގައިވެސް އެންމެ ބޮޑު ރޯލެއް ކުޅެވޭނީ އިންސާނުންނަށެވެ. ކާބަންޑައޮކްސައިޑް އިންސާނުންގެ އަމަލުތަކުން ޖައްވަށް ބޭރުވެފައިވަނީ މިހާތަނަށް ދުވަހަކުވެސް ދުނިޔެ އިން ބޭރުކޮށްފައި ނުވާ މިންވަރަކަށެވެ.

ކާބަންޑައޮކްސައިޑް ބޭރުކުރުން މަދުކުރުމަށް ފަރުދީގޮތުން އާންމު މީހުންނަށް ކުރެވޭނެ މާބޮޑު މަސައްކަތެއް ނެތެވެ. ނަމަވެސް ގަސް އިންދައި، ވައި ސާފުކުރުމަކީ އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމަކަށް ވަރަށް މުހިއްމު ކަމެކެވެ. އަޅުގަނޑުމެންގެ ތެރޭގައި އާދައިގެ އާއިލާއެއްގައި 5 މެމްބަރުން ތިބޭ ނަމަ، ކޮންމެ މަހަކު އާއިލާގެ ކޮންމެ މެމްބަރަކު އެއް ގަސް އިންދާ ކަމުގައިވާނަމަ ކޮންމެ މަހަކު ދުނިޔޭގައި އިތުރު 5 ގަސް ހުންނާނެއެވެ. އަހަރު ނިމޭ އިރު 60 އާ ގަސް ދުނިޔޭގައި ކާބަންޑައޮކްސައިޑް މަދުކުރުމަށް ހުންނާނެއެވެ. އަޅުގަނޑުމެންގެ ތެރޭގައި 5 މެމްބަރުންގެ 500 އާއިލާ ވާކަމަށް ބަލާނަމަ އަހަރު ނިމޭއިރު ދުނިޔޭގައި 30،000 އާ ގަސް ހުންނާނެއެވެ. މިއީ ދުނިޔެ ސަލާމަތް ކުރުމުގައި އަޅުގަނޑުމެންނަށް ކުރެވޭނެ ވަރަށް ބޮޑު މަސައްކަތެކެވެ.

ކޮންމެއަކަސް ގައުމުގެ ވެރީންނަށް ތިއްބަވާ ބޭފުޅުންނަށް ދުނިޔެ ފެހިކުރުމަށް ކުރެވިދާނެ ވަރަށް ގިނަ ކަންތައްވެއެވެ. އެގޮތުން އިއާދަކުރެނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމާއި ކާބަންޑައޮކްސައިޑު ބޭރުކުރާ އުޅަނދުތައް އެތެރެ ކުރުން މަނާ ކުރުންފަދަ ނުހަނު ގިނަ ކަމެއް ކުރެވިދާނެއެވެ. ސަރުކާރުތަކުގެ ވެރިންނަށް މިކަމުގައި ބޮޑު ރޯލެއް ކުޅުމުގެ ފުރުސަތު ލިބިފައިވި ނަމަވެސް އާންމު ރައްޔިތުންނަށްވެސް އެމީހުންގެ މިންވަރުން ކުރެވިދާނެ ގިނަ ކަންތަކެއް އެބަހުއްޓެވެ.

އާއަހަރަކަށް ކަނޑައަޅާ އަޒުމުގެ ގޮތުގައި ކޮންމެ ފަރުދަކު ކޮންމެ މަހަކު އެއް ގަސް އިންދުން ކިހިނެއްތޯއެވެ؟ އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންވެސް ދިރިއުޅެން އޮތީ ހަމައެކަނި މި ނިކަމެތި ދުނިޔެއެވެ. ދުނިޔެ ސަލާމަތްކޮށް ކުރިމަގުގެ ދަރިންނަށް ދުނިޔޭގައި ދިރިއުޅޭނެ ގޮތް ހަދައިދިނުމަކީ މިއަދު އަޅުގަނޑުމެންގެ ވާޖިބެކެވެ.