Last Updated: July 1, 06:04
Wednesday, July 1, 2026
ވިޔަފާރި

އިންޑިއަން ކާ އޮފް ދަ އިޔާ އެވޯޑް ވިޓާރާ ބްރެޒާ އަށް

މާރުތީ ސުޒުކީއިން ބުދަ ދުވަހު އިއުލާން ކޮށްފައިވާ ގޮތުން އެކުންފުނީގެ އެސްޔޫވީ ވިޓާރާ ބްރެޒާ މިއަހަރުގެ މާޗު މަހު ބާޒާރަށް ނެރުނު ފަހުން، އޭގެ 83،000 ޔުނިޓް ވިކިފައިވާ ކަމަށާއި އަދި "އިންޑިއަން ކާ އޮފް ދަ އިޔާ 2017"ގެ އެވޯޑްވެސް އެކާރަށް ލިބިފައިވާ ކަމަށެވެ.

" މާޗު 2016 ގައި ބާޒާރަށް ނެރުނު ފަހުން ވިޓާރާ ބްރެޒާގެ 83،000 ޔުނިޓް ވިކުމުން ވަނީ އިންޑިއާގެ އެންމެ ގިނައިން ވިކޭ 10 މޮޑެލްގެ ތެރޭގައި ހިމެނިފަ. އަދި ޔުޓިލިޓީ ވެހިކަލް ސްޕޭސްގައި މާރުތީ ސުޒުކީގެ ލީޑާޝިޕް މަޤާމް އޭގެ ސަބަބުން ވަނީ ކުރިއަރާފައި"، އެކުންފުނިން ނެރުނު ބަޔާނެއްގައި ވެއެވެ.

15 އޮޓޯ ޖާނަލިސްޓުންގެ ޓީމަކުން ވަނީ ވިޓާރާ ބްރެޒާއަށް "އިންޑިއަން ކާ އޮފް ދަ އިޔާ 2017"ގެ އެވޯޑް ދީފައެވެ. އެއީ 2016 ވަނަ އަހަރު ތަޢާރަފް ކުރެވުނު ހުރިހާ ކާރުތަކުގެ ތެރެއިންނެވެ. އެކާރު އެންމެ ބޮޑަށް ވާދަކޮށްފައިވަނީ ހިޔުންޑާއި ޓަކްސަން އާއި ޓޮޔޯޓާ އިނޯވާ ކްރިސްޓާއެވެ.

"މާރުތީ ސުޒުކީގެ އިންޖިނިއަރުންގެ ޓީމަކުން ސުޒުކީ ކޯ ޓެކްނޮލޮޖީއާއި، އިންޖީން އަދި ޕްލެޓްފޯމް ބޭނުންކޮށްގެން ޑިޒައިންކޮށް ތަރައްޤީކޮށްފައިވާ ވިޓާރާ ބްރެޒާއަކީ "ކްރިއޭޓް އިން އިންޑިއާ"ގެ މިސާލެއް ކަމަށް ބެލެވެ"، މާރުތީ ސުޒުކީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ކެނިޗީ އަޔޫކަވާ ވިދާޅުވިއެވެ.

އަދި އެކާރުގެ ސަބަބުން އެސްޔޫވީ ސެގްމެންޓްގައި އެކުންފުނި ލީޑާޝިޕްގެ މަޤާމަށް ގެނެސްފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.