ބޮލީވުޑްގެ ބަތަލް ވިވެކް އޮބެރޯއީ ބައްޕައަކަށް ވެއްޖެ އެވެ. އޭނާގެ އަންހެނުން ޕްރިޔަންކާ އަލްވާ އޮބެރޯއީ މިއަދު ހެނދުނު ވަނީ ފިރިހެން ކުއްޖެއް ވިހައިފަ އެވެ.
ދަރިއަކު ލިބުމުގެ އުފަލުގައި ވިވެކް، 36، މިއަދު ވަނީ ޓްވީޓް ވެސް ކޮށް އޭނާގެ ފޭނުން ފޮނުވާފައިވާ މަރުހަބާގެ މެސެޖްތަކަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
"މިއަދު މިއީ އަހަރެންގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަސް. ޕްރިޔަންކާ އާއި އަހަރެން މިއަދު ވަނީ ކުޑަކުޑަ އެންޖެލްއެއްގެ ޕޭރަޓުންނަށްވެފައި،" ވިވެކްގެ ޓްވީޓްގައިވެ އެވެ. "ޕްރިޔަންކާ ވަނީ ސިއްހަތު ރަނގަޅު ފިރިހެން ކުއްޖެއް ވިހާފައި. މި އުފަލުގައި އަހަރެންގެ ހުރިހާ ފޭނުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާ ކުރަން."
ކުރީގެ މަޝްހޫރު ވިލަންއެއް ކަމަށްވާ ސްރޭޝް އޮބެރޯއީގެ ދަރިފުޅު ވިވެކް ބޮލީވުޑަށް ތައާރަފްވީ 2002 ވަނަ އަހަރު ރާމް ގޯޕާލް ވަރްމާގެ "ކޮމްޕެނީ" އިންނެވެ. އޭނާ ކައިވެނި ކުރީ އޮކްޓޯބަރު 29، 2010 ގަ އެވެ.
ވިވެކްގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ މަލިކާ ޝަރާވަތު އާ އެކު ލީޑް ރޯލް ކުޅުނު "ކިސްމަތު، ލަވް، ޕައިސާ" އެވެ. ޕްރިޔަންކާ އާ ކައިވެނި ކުރުމުގެ ކުރިން ބަތަލާ އައިޝްވާރިއާ ރާއީ ވެސް ދުވަސްކޮޅެއް ވަންދެން ރައްޓެހިވެގެން އުޅުނު ވިވެކްގެ ފާގަހަކޮށްލެވޭ ބައެއް ފިލްމްތަކުގެ ތެރޭގައި "ސާތިޔާ"، "ޝޫޓް އައުޓް އެޓް ލޯކަންދްވާލާ" އަދި "ޕްރިންސް" ފަދަ ފިލްމްތައް ހިމެނެ އެވެ.
އޭނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ޖަޔަންތަ ބާއީ ކީ ލަވް ސްޓޯރީ"، "ޒިލާ ގަޒީއާބާދު"، "ގްރޭންޑް މަސްތީ" އަދި "ކްރިޝް 3" ހިމެނެ އެވެ.