Last Updated: June 27, 20:02
Saturday, June 27, 2026
ކުޅިވަރު

ޕެލެސްގެ މެނޭޖަރުކަމުން ޕާޑިއު ވަކިކޮށްފި

އިނގިރޭސި ކުލަބު ކްރިސްޓަލް ޕެލެސްގެ މެނޭޖަރު ކަމުން އެލެން ޕާޑިއު ވަކިކޮށްފިއެވެ.

މިދިޔަ ސީޒަނުގައި ނިއުކާސަލް ޔުނައިޓެޑުން ޕެލެސްއަށް ބަދަލުވި ޕާޑިއުއަށް މިސީޒަން ވަނީ ދަތި ސީޒަނަކަށް ވެފައެވެ. ކުޅުނު 17 މެޗުން އެންމެ 15 ޕޮއިންޓު ލިބި ޕެލެސް މިހާރު އޮތީ ރެލިގޭޝަނާއި ދެމެދު އެންމެ ޕޮއިންޓެއްގެ ތަފާތެކެވެ.

މިސީޒަނުގައި ޕްރިމިއާ ލީގުގެ 17 މެޗުގެ ތެރެއިން ޕާޑިއުގެ ޕެލެސްއަށް މޮޅުވެފައިވަނީ އެންމެ ހަތަރު މެޗުންނެވެ. ތިން މެޗުން އެއްވަރުވެ 10 މެޗުން ޕެލެސްވަނީ ބަލިވެފައެވެ.

ޕާޑިއުގެ އިރުޝާދުގެ ދަށުން ޕެލެސް އަށް ލިބެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން މިއަދުގެ ވަގުތެއްގައި އޭނާ މަގާމުން ދުރުކޮށްފައިވާކަށް ކުލަބުގެ ޗެއާމަން ސްޓީވް ޕެރިޝް ވަނީ ކަށަވަރުކޮށްފައެވެ.

ކުލަބުން ވަކިވާން ޖެހުމުން ޕާޑިއު ބުނެފައިވަނީ މިނިންމުމާ ދޭތެރޭ އޭނާ ހިތާމަކުރާ ކަމަށާއި ނަމަވެސް ކުލަބާއި ދޭތެރޭ އޭނާގެ ހިތުގައި އެއްވެސް ބުރަ ކަމެއް ނެތް ކަމަށެވެ. އަދި ކުލަބުގައި އޭނާއަށް ހޭދަކުރެވުނު މަދު ދުވަސްތަކުގެ ތެރޭގައި ކުލަބުން އޭނާއާ ދޭތެރޭ ކަންތައް ކުރި ގޮތާމެދު ނުހަނު ބޮޑަށް ޝުކުރުވެރިވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އޭނާއަށް ކްރިސްޓަލް ޕެލެސްގެ މެނޭޖަރުކަމުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ މިދިޔަ އެފްއޭ ކަޕުގެ ފައިނަލަށް ދަތުރުކުރެވުމެވެ. ނަމަވެސް ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑު އަތުން ޕެލެެސް ވަނީ ބަލިވެފައެވެ.

ޕާޑިއުގެ ބަދަލުގައި ޕެލެސްގެ މެނޭޖަރު ކަމާއި ހަވާލުވުމަށް އެންމެ ބޮޑަށް ބެލެވެނީ ދާދި ފަހުން އިނގިރޭސި ކޯޗުކަމުން ވަކިކުރި ސޭމް އެލާޑީސްއެވެ.