Last Updated: July 1, 06:04
Wednesday, July 1, 2026
މުނިފޫހިފިލުވުން

މާޓިން އާއި އެމެންޑާ ރުޅިވެއްޖެ

ބީބީސީ ވަންއިން ދައްކަމުން އަންނަ ޑްރާމާ ކަމަށްވާ ޝާލޮކްގައި ޙަރަކާތްތެރިވާ އެކްޓަރު މާޓިން ފްރީމޭން އޭނާގެ ލޯބިވެރިޔާ އެމެންޑާ އެބިންގްޓަންއާއި ރުޅިވެއްޖެކަމަށް ބުނެފިއެވެ.

"އަހަރެން މިހާރު އުޅެނީ އެމެންޑާއާއި އެކުއެއް ނޫން"، ފްރީމޭން ފައިނޭންޝަލް ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

2000 ވަނަ އަހަރު ފިލްމެއްގެ ސެޓުން ދިމާވި ފްރީމޭންއާއި އެބިންގްޓަން ރައްޓެހިވެގެން އުޅޭތާ 16 އަހަރު ވެފައިވާއިރު، އެދެމީހުންނަށް ދެކުދިންވެސް ލިބިފައިވެއެވެ.

ޝާލޮކްގެ އެންމެ ފަހު ސީރީޒްގައި އެމީހުން ކުރިންވެސް އަދާކުރި ރޯލްތަކުން ފްރީމޭންއާއި އެބިންގްޓަން، ދެމީހުންވެސް ވަރަށް އަވަހަށް ފެނިގެންދާނެއެވެ.

އެސީރީސްގައި ފްރީމޭން އަދާކުރަނީ ޖޯން ވޮޓްސަންގެ ރޯލެވެ. އަދި އެބިންގްޓަންއަކީ އޭނާގެ އަންހެނުން މޭރީއެވެ.

"އަހަރެން އަބަދުވެސް އެމެންޑާ ދެކެ ލޯބިވާނަން"، ފްރީމޭން ފައިނޭންޝަލް ޓައިމްސްއަށް ދިން އިންޓަވިއުގައި ބުންޏެވެ.

ފްރީމޭން އަދި އެބިންގްޓަން ވަނީ އާއަހަރު ފެށޭ ދުވަހު ދެއްކުމަށް ހަމަޖެހިފައިވާ ޝާލޮކްގެ އެޕިސޯޑް ޕްރޮމޯޓް ކުރުމަށްޓަކައި އެސީރީސްގެ އެހެނިހެން ކާސްޓް މެމްބަރުންނާއިއެކު މިހަފްތާގެ ތެރޭގައި ބޭއްވުނު ޙަރަކާތަކުން ފެނިގެން ގޮސްފައެވެ.

'ކްރިސްމަސް ކިޗަން'ގެ ބުދަ ދުވަހުގެ އެޑިޝަންއިންވެސް އެބިންގްޓަން ފެނިގެން ގޮސްފައިވާއިރު، އެޝޯގައި އޭނާ ބުނީ އޭނާ ކްރިސްމަސް ހޭދަކުރާނީ އޭނާގެ ދެކުދިންނާއިއެކު ކަމަށެވެ.